ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރި ކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

މި މައްސަލާގައި ހޯދަން އިއުލާނުކުރި މީހާގެ ވީޑިއޯ ހިއްސާކުރަމުން ފުލުހުން ބުނީ، އެ މީހާއަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ސައްހަނޫން ޑޮލަރު ބޭނުުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.

އެހެންކަމުން އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމްޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖޭގައި ވަގު ޑޮލަރު ދައުރުވާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވާއިރު މަނީ އެކްސްޗޭންޖްގެ ނަމުގައި ހިންގާ ވައިބާ ކޮމިއުނިޓީތަކާއި ސޯޝަލް މީޑިއާގެ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ސައްހަ ނޫން ޑޮލަރު ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިލްތިމާސްކުރެއެވެ.

ފުލުހުން ބުނީ މިފަދަ މުއާމަލާތްކުރުމުގައި ބޭނުންކޮށްފައިވާ ނަންބަރުތަކަކީ ވަކި މީހެއްގެ މައްޗަށް ރަޖިސްޓްރީ ނުކޮށް ނުވަތަ ކޮންމެވެސް ބިދޭސީއެއްގެ ނަންމަތީގައި ނަނގާފައިވާ ނަންބަރުތަކެއްކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ މުޢާމަލާތްތައް ކުރާއިރު، މުއާމަލާތްކުރެވޭ ނަންބަރަކީ ކޮން ފަރާތެއްގެ ނަންމަތީގައި ނަގާފައިވާ ނަންބަރެއްތޯ ޔަގީންކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ މުއާމަލާތްތައް ދުވާލުގެ ވަގުތުގައި ހިންގުމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި ޑޮލަރަކީ ސައްހަ ޑޮލަރުތޯ ކަށަވަރުކުރުމަށްފަހު ފައިސާ ހަވާލުކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޑޮލަރު ގަތުމަށްޓަކައި މުއާމަލާތްކުރެވޭ ފަރާތަކީ ޑޮލަރު ވިއްކުމުގެ ހުއްދަ އޮތް ފަރާތެއްތޯ ބަލައި، މީހެއްގެ އަތުން ޑޮލަރު ގަތުމުގެ ބަދަލުގައި ހުއްދަ އޮތް ފަރާތްތަކާއެކު އެފަދަ މުއާމަލާތްތައް ހިންގުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްކުރުމަށް އެޅިދާނެ ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ޑޮލަރު ގަތުމަށް މުއާމަލާތްކުރެވޭ މީހާއަކީ ކާކުކަން ރަނގަޅަށް ދެނެގަތުމާއި މިފަދަ މުއާމަލާތްތައް ހިންގާއިރު އިތުރު މީހަކާއެކު ދިއުމަކީ ވެސް އެޅިދާނެ ފިޔަވަޅެއް ކަމަށެވެ.