ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.

ދައުރުވަމުންދާ ވަގު ޑޮލަރުގެ ނަމޫނާ ހިއްސާ ކުރަމުން ފުލުހުން އެދުނީ ބޭރުފައިސާ ގަނެވިއްކުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ ޑޮލަރު ގަތުމުގެ މުއާމަލާތް ނުކުރުމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށްވެސް އެދިފައި ވެއެވެ.

މިހާރު ދައުރުވަމުންދާ ސައްހަ ނޫން ޑޮލަރު އަސްލާ ދާދި އެއްގޮތް ނަމަވެސް ދެ ފަރާތުގައި 'ކޮޕީ' އިނގިރޭސި ބަހުން ލިޔެފައި ވެއެވެ.

ރާއްޖޭގައި ވަގުނޫޓު ދައުރުވުން އާންމު ވެފައިވާއިރު ދާދި ފަހުން ފުލުހުން ވަނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ތަހުގީގު ކުރަން ފަށާފައެވެ. އަދި އެ މައްސަލައާ ގުޅިގެން 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް ބަންދުކޮށްފައި ވެއެވެ.

އަދި 100 އެމެރިކާ ޑޮލަރުގެ ސައްހަނޫން ނޫޓު ތަކެއް ދައުރުވަމުން ދާތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ 100 އެމެރިކާ ޑޮލަރުގެ ހުދު ބޯޑަރު ހިމެނޭ ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށާއި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ، އެ އޮތޯރިޓީ އަށް ގެނެސް އެ ނޫޓެއްގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސް ކޮށްފައެވެ.