މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު އެއްވެސް މުޢާމަލާތެއް ނުކުރުމަށް އެ އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެމްއެމްއޭއިން ދޫކުރާ ލައިސަންސެއް އޮވެގެންކަން ގާނޫނު ނަންބަރު 2024/32 (ބޭރު ފައިސާއާބެހޭ ގާނޫނު) އަދި މަނީ ޗޭންޖިންގް ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި މިފަދަ މުއާމަލާތްތައް ހިންގަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެކެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން މިފަދަ ޣައިރު ގާނޫނީ ފަރާތްތަކާއެކު މާލީ މުއާމަލާތްތައް ނުހިންގުމަށް ވަނީ އަންގާފައެވެ.
މީގެއިތުރުން، ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ އަދާހަމަ ލިސްޓު އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް (www.mma.gov.mv) އިން ބެލޭނެ ކަމަށްވެސް އެމްއެމްއޭއިން މައުލޫމާތު ދެއެވެ. އެއާއެކު މިއަދުގެ ނިޔަލަށް އެމްއެމްއޭއިން ވަނީ ލައިސަންސް ދޫކޮށްފައިވާ 59 ފަރާތެއްގެ މައުލޫމާތު އާންމުކޮށްފައެވެ.
ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ހާއްސަ ލައިސެންސްއެއް އޮންނަ ފަރާތްތަކަށް އެކަންޏެވެ.
ނަމަވެސް ހުއްދަ ނުނަގާ އެތައް ބަޔަކު އެ ވިޔަފާރިކޮށްގެން މިލިއަނުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފެންމަތިވެ އެކަން ހުއްޓުވުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުގެ މަތިން މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާކަމަށް ތުހުމަތުގައި "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ ލައިސަންސް ހިފަހައްޓާފައެވެ.
މީގެ އިތުރުން ވެސް ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއްވެސް ދާދި ފަހުން ވަނީ ފަުލުހުން އަތުލައިގެންފައެވެ. މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އަތުލައިގަތް ނެޓްވޯކްގައި ހިމެނެނީ ބަންގްލަދޭޝްގެ 6 ފިރިހެނުންނެވެ. އެ މީހުންގެ ފޮޓޯއާ ވަނަވަރުވެސް އާންމުކޮށްފައެވެ.
މަރުކަޒީ ބޭންކުގައި ޑޮލަރު ގަނެ ވިއްކުމުގެ ރޭޓަކީ 15.42 ރ. ނަމަވެސް ދާދި ފަހުން އެ އަދަދު ފަހަނައަޅާ ގޮސް ޑޮލަރެއްގެ އަގު 25 ރ. އަށްވެސް އުފިގެންދިޔައެވެ.
