ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހަށް އަލުން ވައްދައިފިއެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ނަޝީދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކުގައި ކަމަށެވެ.

މަޖިލީހުގެ ގަވައިދުގެ ދެވަނަ މާއްދާގައިވާ ގޮތުން، ވަކި ފަރާތަކަށް ނުޖެހި، ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، މަޖިލީހުގެ އެންމެހާ ކަންކަން ހިންގާނީ މަޖިލީހުގެ ރައީސެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް އެ މާއްދާ އާ ހިލާފުވެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަޝީދަށް އިތުބާރު ނެތް ކަމަށް އަލުން ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި އަސްލަމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަކުރާރުކޮށް އެމަނިކުފާނު ގަވައިދާ ހިލާފުވެވަޑައިގެންފައިވާ ކަން ފާހަގަކުރެވޭތީ އާއި، މަޖިލީހުގެ އެޖެންޑާ ތައްޔާރުކުރުމުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ބަހެއް ނުހޯދާތީ ކަމަށެވެ.

ތަކުރާރުކޮށް ނަޝީދު މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް އަމަލުކުރައްވަމުން ދާ ކަމަށް ބުނެ، އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެންބަރުންގެ ސޮޔާ އެކު އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ނަމަވެސް މިދިޔަ މަހު ކުރީކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަވައިފައެވެ. އެ ފަހަރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިޔައީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް އެމްޑީޕީ އާ އެކު މަޝްވަރާކުރެވެމުން ދަނިކޮށެވެ.