ރައްޔިތުންގެ މަޖިލީހުުގެ މި އަހަރުގެ މި ހިނގާ ދައުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެމްޑީޕީގެ މެންބަރުން ހުށަހަޅަން ތައްޔާރުވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިނުގަންނާނެ އިޝާރާތެއް އެމަނިކުފާނު ދެއްވައިފިއެވެ.

މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް މިއަދު ފޮނުއްވި މެސެޖަށް ދެއްވި ޖަވާބުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެް ދެން ކުރިއަށް ގެންދެވޭނެ ކަމަށް ބެލެވެނީ އަންނަ ދައުރުގައި ކަމަށާއި، ސަބަބަކީ މީގެ ކުރިން ވެސް އެފަދަ މައްސަލައެއް މި ދައުރުގައި އެޖެންޑާކޮށް އަނބުރާ ގެންގޮސްފައިވާތީ ކަމަށެވެ.

ނަމަވެސް އެއް ދައުރެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނައިން އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަކަށް މަޖިލީހުގެ ގަވައިދުގަެއް ނެތެވެ.

ނަޝީދުގެ މައްޗަށް އޭރު ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާ ވެސް ކުރި ފަހުންނެވެ. އެ ދުވަސްވަރަކީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނާކާމިޔާބުވުމުން ޑިމޮކްރެޓުންނާ އެކު މަޝްވަރާތައް ވެސް ކުރިއަށް ދިޔަ ދުވަސްވަރެވެ.

އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ދެވަނަ ދައުރުގައި ހުށަހަޅާފައި ވަނީ، މަޖިލީހުގެ އުސޫލުތަކާ ހިލާފަށް އެމަނިކުފާނު އަމަލުކުރައްވަމުން ދާ ކަމަށް ބުނެއެވެ.

އެކަމަކު އެމްޑީޕީގެ މެންބަރުން ވަނީ ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ދެވަނަ މައްސަލައެއް ހުށަހަޅަން ނިންމައި، މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކޮށްފައެވެ.