ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް އަލުން ވެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
އެކި މަސްދަރުތަކުގައިވާ ގޮތުން، ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ބައްދަލުވުމެއް މާދަމާ ބާއްވަން ވަނީ ހަމަޖައްސައިފައެވެ. އަދި ނަޝީދުގެ މައްސަލަ އަލުން ހުށަހެޅުމަށް މެންބަރުން ސޮއި ހަމަކޮށްފައިވާ ކަމަށް ވެސް އެ މަސްދަރުތަކުގައި ވެއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އެމްޑީޕީން ވަނީ، މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. މިދިޔަ މަހުގެ 11 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ މައްސަލަ އަނބުރާ ގެންދަން ނިންމައި އެމްޑީޕީގެ މެންބަރުން ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށް، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް އެ ދުވަހު ވިދާޅުވިއެވެ.
ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލަ ނެގި ދުވަހު 33 މެންބަރަކު ވަނީ ސޮއި އަނބުރާ ގެންދަވައިފައެވެ.
ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެއް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކުރަމުންދާ ކަމަށް ބުނެއެވެ.