އައްޑޫ ސިޓީ މީދޫގައި ދެ ސައިކަލެއް ރޯކޮށްލި މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ސ. މީދޫ ޔާގޫތުގޭގެ ފެންޑާގައި ބަހައްޓާފަ ހުރި 2 ސައިކަލުގައި ރޯކޮށްލާފައި ވާއިރު ފުލުހުން ބުނީ މި ހާދިސާގެ މައުލޫމާތު އެ އިދާރައަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 11:37 ހާއިރު ކަމަށެވެ. ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށާ އެހެންނަމަވެސް ދެެ ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ސައިކަލުގައި ރޯވި އަލީފާންގަނޑު ގެއަށް ފެތުރިގެން ދިޔައިރު އެމްއެންޑީއެފް އާއި ރަށު ރައްޔިތުން ގުޅިގެން ނިއްވާލި ނަމަވެސް އެ ގޭގައި ހިފާގެންގުޅޭ ހުރިހާ ތަކެއްޗަށް ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ. އަދި އެގޭގެ ސީލިން އަދާފައިވާ އިރު ފަރުނީޗަރާއި ގޭގެ ކުޑަދޮރުތައް ވެސް މުޅިން ވަނީ އަނދާފައެވެ. މި ހާދިސާއަށް ފަހު އެ އާއިލާ މިހާރު ދިރިއުޅެމުން ދަނީ ތިމާގެ މީހެއްގެ ގެސްޓްހައުސެއްގައެވެ.

މީދޫ އިން ވާހަކަދެއްކި މީހަކު ބުނީ މިއީ ގަސްތުގައި ބަޔަކު ނުވަތަ މީހަކު ކޮށްފައިވާ ކަމެއް ކަމަށާ، ބޮޑަށް ލަފާކުރެވެނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި ހަމަނުޖެހުމަކަށް ފަހު ކޮށްފައިވާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.