އިދާރީ ގޮތުން އައްޑޫ ހުޅުދޫ އަދި މީދޫ ވަކިކުރުމަކީ އެ 2 ރަށުގެ ތަރައްގީގެ ފެށުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިދާރީ ގޮތުން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ކުރިމަތިވެފައި އޮތް ނިކަމެތި ކަމާއި ބާކީކުރުމާއި ތަފާތު ކުރުމަށް ނިމުމެއް ގެނައުމަށް ރައީސް ވައުދުވެވަޑައިގަންނަވާފައިވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެކަން ކުރުމަށްޓަކައި (ރިފަރެންޑަން) ގާނޫނެއް އުފައްދައި، ކައުންސިލު ވަކިކުރުމާމެދު ވޯޓެއް ނަގާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހުޅުދޫ އަދި މީދޫގެ އެ ވޯޓުން ރައްޔިތުން ނިންމި ގޮތަށް 2 ރަށަށް ވަކި ކައުންސިލެއް އުފެއްދުމުގެ ގަރާރު މިހާރު ގެޒެޓުގައި ޝާއިއުކުރެވިފައިވާ ކަމަށެވެ.

މިއީ ތަރައްގީގެ ފެށުން، މި ދެ ރަށުގެ ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދުކުރަމުންދިޔަ ހާސިލުނުވެވާ ތަރައްގީ ހާސިލްކޮށްދިނުމުގެ ފެށުން ގޮތުގައި އަޅުގަނޑަށް ސިފަކުރެވެނީ
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ އިދާރީ ގޮތުން ހުޅުދޫ އަދި މީދޫ ވަކިކުރުމަކީ އެ 2 ރަށުގެ ތަރައްގީގެ ފެށުން ކަމަށެވެ. މިބަދަލާއެކު އެ 2 ރަށުގެ ރައްޔިތުން އުންމީދުކުރަމުންދާ އަދި މިހާތަނަށް ހާސިލްނުވެ ހުރި ތަރައްގީގެ ކަންކަން ފެށިގެންދާނެ ކަމަށް ގަބޫލުކުރެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ މުހިއްމު އެއް ކަމަކީ އަސާސީ މުނިސިޕަލް ހިދުމަތްތަކާއި ރަށްވެހިކަމުގެ ހިދުމަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެ ގޮތް ފަހިވެގެން ދިއުން ކަމަށާއި އެކަން ހާސިލުވެގެން ދިއުމަށް މިހާރު ހުރިހާކަމެއް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދެން އޮންނަ ކައުންސިލް އިންތިހާބުގައި ހުޅުދޫ އަދި މީދޫއަށް ވަކި 2 ކައުންސިލެއް އުފެއްދުމަށް ވޯޓު ނަގާނެ ކަމަށެވެ. އަދި ވަކި ކައުންސިލްތަކުން ހިދުމަތް ދޭން ފެށުމާއެކު އަމަލީ ގޮތުން ރައްޔިތުން އެދޭ ގޮތަށް ރަށްވެހިކަމުގެ މުނިސިޕަލް ހިދުމަތް ދޭން ފެށޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

އެ 2 ރަށުގެ ކައުންސިލް އުފެއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބޭނުންވާނެ ވަސީލަތްތަކާއި އިމާރާތްތައް ހަމަޖެއްސުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ހުރި އިމާރާތްތަކުގެ އިތުރުން ޖާގަ ބޭނުންވާނަމަ އަންނަ ކައުންސިލް އިންތިހާބު ނިމި، އާ ކައުންސިލް މަސައްކަތް ކުރަން ފަށަން ވާއިރަށް އެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ތ