އައްޑޫސިޓީގެ 3 ރަށް ކަމަށް ވާ ހުޅުދޫ، މީދޫ އަދި ފޭދޫގައި ވަކި ކައުންސިލް ހަދަން ފެނޭތޯ އެ ރަށްރަށުގެ މީހުންގެ މެދުގައި ނެގި ވޯޓާއެކު ހުޅުދޫ އާއި މީދޫ އިން އެކަމަށް ތާއީދު ކުރުމުން، އެ ދެ ރަށުގައި ވަކި ކައުންސިލް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، އައްޑުއަތޮޅު "މަރަދޫ" އާއި، އައްޑުއަތޮޅު "މަރަދޫފޭދޫ" އާއި، އައްޑުއަތޮޅު "ފޭދޫ" ކަމަށާއި، "އައްޑޫ" ގެ އިހުތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.
އަދި ގަރާރު ނަންބަރު 33/2025 (ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިސްލާހު ކުރުން) މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ.
މި އިސްލާހާއެކު، "އައްޑޫ ސިޓީ" އަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ކަނޑައެޅުމަށް ނިންމައި، "އައްޑޫ ސިޓީ" ހިންގުމަށްޓަކައި، "އައްޑޫ ސިޓީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވައިފައެވެ. މީގެ އިތުރުން، "އައްޑޫ މީދޫ" ހިންގުމަށްޓަކައި، އައްޑުއަތޮޅު / ސ. އައްޑޫ މީދޫ ކައުންސިލް އުފެއްދުމަށާއި، "އައްޑޫ ހުޅުދޫ" ހިންގުމަށް ޓަކައި، އައްޑުއަތޮޅު/ ސ. އައްޑޫ ހުޅުދޫ ކައުންސިލް އުފެއްދުމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެން ކަމަށާއި އަދި އެ އިންތިހާބުގައި، އަލަށް އުފެދޭ އައްޑޫ ސިޓީ ކައުންސިލާއި، އައްޑޫ މީދޫ ކައުންސިލާއި، އައްޑޫ ހުޅުދޫ ކައުންސިލަށް މެންބަރުން އިންތިހާބުކުރުން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
އައްޑޫގެ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލް އުފެއްދުމަށް ފެނޭތޯ ވޯޓެއް ނަގާފައި ވަނީ، ހުސްވި މަހުގެ 25 ވަނަ ދުވަހުއެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދީ އިން ނިންމީ އިދާރީ ގޮތުން އައްޑޫ ސިޓީން ވަކިވެ ވަކި ކައުންސިލް ހެދުމަށެވެ.
ހިޔާލު ހޯދުމުގެ އެ ވޯޓުގެ ނަތީޖާއަކީ، ވަކި ކައުންސިލް ހަދަން ހުޅުދޫން 723 ވޯޓު، ވަކި ކައުންސިލެއް ހަދަން ނުފެންނަ ކަމަށް 329 ވޯޓު ލިބި، ވަކި ކައުންސިލް ހަދަން ވޯޓުލީ މީހުންގެ އަޣުލަބިއްޔަތު ލިބިގެން ދިޔުމެވެ.
މީދޫން ވޯޓުލީ މީހުންގެ 1،008 މީހުންގެ ތެރެއިން 847 މީހުން ބޭނުންވީ އެ ރަށުގައި ވަކި ކައުންސިލެއް ހަދާށެވެ. އެ ގޮތް ކަމު ނުދާކަމަށް ވޯޓު ދިނީ 144 މީހުންނެވެ.
އެއްފަސްކޮށް އޮންނަ ފޭދޫން ވޯޓުލީ މީހުންގެ ތެރެއިން 1،784 މީހުން ބުނީ، އައްޑޫ ސިޓީން ވަކިވެ ވަކި ކައުންސިލެއް ހަދަން ބޭނުން ނުވާ ކަމަށެވެ. ޖުމްލަ 2،436 މީހަކު އެރަށުން ވޯޓުގައި ބައިވެރިވި އިރު ފެންނަ ކަމަށް ވޯޓު ދިނީ 616 މީހުންނެވެ.
އަލަށް ގެންނަ މި ބަދަލާއެކު ހުޅުދޫ އަދި މީދޫގައ ވަކި ކައުންސިލް އުފެދިގެން ދިޔުމުން، އިތުރު ވަޒީފާތައް އުފެދި އަސާސީ ހިދުމަތްތައް ވެސް ވަކިވާނެއެވެ. ނަމަވެސް ބަޖެޓަށް ބަލާއިރު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފެދި ހިދުމަތްތައް ވަކިވެގެން ދިޔުމުން ބަޖެޓަށް ބުރަބޮޑުވާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.
