އައްޑޫ ސިޓީގެ ތާރީހާއި ދެވަނަ ބޮޑު ހަނގުރާމައާއި ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މި ހަނގުރާމައިގެ އަސަރު އޭޝިއާ ސަރަހައްދަށް ކުރުމުގެ ކުރިން 1941 ގެ ސެޕްޓެމްބަރު މަހު އިނގިރޭސި ކަނޑުގެ ސިފައިންގެ މަރުކަޒެއް އައްޑޫ ސިޓީ ގަމުގައި ގާއިމު ކުރިއެވެ. ޕޯޓް ޓީގެ މައި މަރުކަޒު ގަމުގައި ހުރިއިރު އައްޑޫގެ އެހެން ބައެއް ރަށް ރަށުގައިވެސް ހަނގުރާމައަށް ބޭނުންވާ ބައެއް މަރުކަޒުތައް ގާއިމު ކުރިއެވެ.
އެ ގޮތުން މީދޫ މާއެޅެ ސަރަހައްދުގައި ގާއިމު ކުރި ޑިފެންސް ޕޯސްޓަކީ ގަން ފިޔަވައި ދެން އެންމެ ގިނަ ސިފައިން ތިބި އަދި އެންމެ ގިނަ ހަތިޔާރު ބެހެއްޓި ތަނެވެ. އޭޝިއާގެ އިރުމަތިން އަތޮޅާއި ކައިރި ކުރާ ބަޔަކަށް ހަމަލަދޭން އެންމެ އެކަށީގެންވާ ތަނަކީ މާއެޅެ ކަމުގައިވުމުން އެތާނގައި ދެ ބޮޑުބަޑި އާއި ބިންގަރާސްތައް ގާއިމުކުރިއެވެ.
އެތަނުގައި ގާއިމުކުރީ ބިންގަރާހުގެ ސީދާ އަދަދު ނޭގުނަސް 1970 ވަނަ އަހަރާ ޖެހެންދެން އެ ސަރަހައްދުގައި ތިން ބިންގަރާސް ފެންނަން ހުޓެވެ. އެ ގޮތުން އެ ތަނުން ދެ ބިން ގަރާހަކީ ހޭޅިފަށުން ފެށިގެން ތަންކޮޅެއް އެތެރެއަށް އެއްގަމުގައި ހަދާފައި ހުރި ބިންގަރާސްތަކަށް ވާއިރު މިދެ ބިންގަރާހަކީ ބަޑިބޭހާއި އެހެނިހެން ހަތިޔާރުތައް ރައްކާތެރިކަމާއެކު ގުދަނަކަށް ބޭނުންކުރި ތަންތަނެވެ.
ތާރީހީ ފަތްފޮތްތަކުން އެނގޭ ގޮތުން މި ސަރަހައްދުގައި ދެން ފެންނަން ހުރި ބިންގަރާހަކީ އެންމެ ހޭޅި ފަށުގައި ހަދާފައިވާ ބިންގަރާހެކެވެ. މިތަން ބޭނުންކުރީ ދުޝްމަނުންނަށް ހަމަލާއެއް ދޭން ޖެހޭ ފަދަ ހާލަތެއްގައި ރައްކާތެރިވެ ތިބެގެން ހަމަލާ ދޭން ބޭނުން ކުރުމަށެވެ. މި ތަންތަނަކީ އެތެރެއަށް ދަގަނޑު ލައިގެން ކޮންކްރީޓުން ވަރަށް ވަރުގަދައަށް ހަދާފައިވާ ތަންތަންކަން މިހާރުވެސް މީދޫއިން ފެންނަ ދެ ބަޑިން ހެކިދެއެވެ.
މިތަނުގައި ގާއިމުވެތިބި ސިފައިންގެ ސީދާ އަދަދެއް އެގެން ނެތް ނަމަވެސް މީދޫ މާއެޅެ ސަރަހައްދުގެ ގާތްގަޑަކަށް 50 ހެކްޓަރުގެ ސަރަހައްދެއްގައި އިނގިރޭސި އަސްކަރިއްޔާގެ ފަރާތުން ހަނގުރާމައިގެ ވަސީލަތްތައް ގާއިމުކުރިއެވެ. މާއެޅެ ޑިފެންސް ޕޯސްޓަކީ ހަނގުރާމައިގެ އެއްވެސް ކަމެއް އަމަލީ ގޮތުން ހިނގި ތަނަކަށް ނުވި ނަމަވެސް ގަމުގެ މައި މަރުކަޒުން ސިފައިންގެ މަތީ އޮފިސަރުން ދޭތެރެ ދޭތެރެއިން މީދޫ ޑިފެންސް ޕޯސްޓަށް ގޮސް އިރުޝާދާއި ތަމްރީނު ދީ އުޅުނެވެ.
އިނގިރޭސި ސިފައިން ފަސް އަހަރުވަންދެން މި ތަނުގައި ގާއިމުވެ ތިބި އިރު އެ ސަރަހައްދުގައި ހަނގުރާމައިގެ ހުރިހާ ވަސީލަތްތައް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން އަތޮޅާއި ކައިރިވާ ދުޝްމަނުންގެ މަނަވަރުތަކާ، ބޯޓުތަކަށް ދިހަ މޭލު ދުރުންވެސް ހަމަލަދެވޭ ވަރުގެ ދެ ބަޑި ވަނީ ގާއިމުކޮށްފައެވެ. މީދޫ ޑިފެންސް ޕޯސްޓްގައިވާ ދެ ބަޑި ބުރުޒުގެ މެދުގައި ދަގަނޑު ތޭރިތައް ޖަހައި ރިންގެއް ގޮތަށް ހަދާފައިވެއެވެ. އެއީ ބަޑި އެކި ފަރާތް ފަރާތައް އަނބުރާން ވެގެން ހުންނަ ބަޑި ހަރެކެވެ.
ފަހުން، ދަނގަޑުގެ ބޭނުމަށް މި ދެ ބުލޮކްގެ މަތިން ދެތިން ފަށަލައެއް ތަޅާލައިފައިވާއިރު ދެ ބަޑިދާނަކީ ކުރީން ރަށުގެ ހޭޅިފަށަށް ވުރެ އެއްގަމުގައި ހަދާފައިވާ ދެ އެއްޗެވެ. ނަމަވެސް އެސަރަހައްދުގެ ހޭޅިފަށުން ވަރަށް ބޮޑު ބައެއް ގިރައިގެން ދިއުމުގެ ސަބަބުން، މިހާރު މިދެ ބަޑިދާންވެސް ވަނީ އެއްގަމުން ވަކިވެ މޫދުގައެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ކަމަށް ރަސްމީކޮށް އިއުލާން ކުރުމުގެ ކުރީން އިނގިރޭސިން އައްޑޫ ދޫކޮށްފިއެވެ. އެމީހުން މީދޫ ސައިޓުން ގެން ދިޔައީ އެކަނި އެމީހުން މަސައްކަތް ކުރަން ގެންގެޅުނު ފޯކް ލިފްޓާ، ބޮޑެތި ލޯރި ފަދަ ތަކެއްޗެވެ. މާއެޅެ ޑިފެންސް ޕޯސްޓުން އިނގިރޭސިން ފައިބައިގެން ދިޔުމުން އެސައިޓްގައި ހުރި ބިނާތައް ރޫޅާލުމަށްފަހު ޓިނާ، ދަނގަޑާ، ކޮންކްރީޓް ބްލޮކް ފަދަ ތަކެތި ރަށުމީހުން ނަގާފައިވެއެވެ.
މީގެ އިތުރުން ބަޑިދާން މަތީގައި ބަހައްޓާފައި ދިޔަ ބޮޑު ބަޑީގެ ތޮށިގަނޑުވެސް ދަނގަޑުގެ ބޭނުމުގައި އެކިފަހަރު މަތިން ކީހައިގެން ނަގާ ފައިވައިވެއެވެ. އަދި ބޯޓު ފަހަރުގެ އެކި މަސައްކަތްތަކަށް ދަގަނޑު ބޭނުންވެގެން ބިންގަރާސްތަކުގެ ކޮންކްރީޓް ގަނޑު ތަޅައިލައި ދަގަނޑު ކީހައިގެން ގެންގޮސްފައިވެއެވެ.
މީދޫ މާއެޅެ ޑިފެންސް ޕޯސްޓުގައި ގާއިމުކުރި ބިނާތަކުގެ އާސާރުން ބައެއް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެހެންނަމަވެސް އެއީ ވަރަށް ކުޑަ މިންވަރެކެވެ. މި ސަރަހައްދުގައިވާ އާސާރުތައް ގެއްލިގެން ހިގައްޖެއެވެ. އެ ސަރަހައްދު ހިމާޔަތްނުކުރެވި ދޫކޮށްލުމުގެ ސަބަބުން އަގުހުރި ތާރީހީ ތަރިކަތަކެއް ގެއްލިއްޖެއެވެ. މިހާރު ފެންނަން ހުރި މަދު އެއްޗެހިތައްވެސް ހިމާޔަތް ނުކުރެވިއްޖެ ނަމަ އެއްކޮށް ގެއްލިގެން ހިނގައިދާނެ އެވެ.
އައްޑޫ ސިޓީ މީދޫގައި ފަތުރުވެރިކަން ކުރިއަރަމުން އަންނައިރު މި ސަރަހައްދަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ސަރަހައްދަކަށް ހެދިދާނެއެވެ. ހާއްސަކޮށް އިނގިރޭސީންގެ މެދުގައި މި ސަރަހައްދު މަގުބޫލު ތަނަކަށް ހަދާލެވިދާނެއެވެ. މިހާރުވެސް އޭރު އައްޑޫގައި އުޅުނު އިނގިރޭސިން މި ސިޓީ ބަލާލުމަށް ޒިޔާރަތްކުރަމުން އަންނައިރު ދެވަނަ ބޮޑު ހަނގުރާމައިގެ މި ސައިޓް ހިމާޔަތްކޮށް، މައުލޫމާތުން ފުރިފައިވާ ހަޒާނެއެއްގެ ގޮތުގައި ޕްރޮމޯޓްކުރެވިދާނެއެވެ.
މައުލޫމާތު: މީދޫ.ކޮމް
