މިދިޔަ އަންގާރަ ދުވަހުގެ ރޭ ހދ. ހަނިމާދޫގައި ހިނގި ހާދިސާގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.

އެ ރޭ ގާތްގަނޑަކަށް 11:30 ހާއިރު ހަނިމާދޫގެ ގެއަކަށް ވައްކަންކުރަން ވަތް އުމުރުން 25 އަހަރުގެ ފިރިހެނަކު ވަނީ އެ ގޭގައި ދިރިއުޅޭ 63 އަހަރުގެ ފިރިހެނަކަށް އަނިޔާކޮށް، ފައިސާ ފޭރިގަތްފައެވެ.

އެ މީހާގެ ބޯ ފަޅާލާ، މޫނުމަތީގައި އެކި ތަންތަނުގައި ތަޅާފައިވާފައިވާއިރު އެ މީހާ އަޑުގަދަ ކުރާތީ އަނގަޔަށް ވެސް ޒަހަމްތަކެއް ދީފައިވާ ކަމަށް އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ވަނީ ވިދާޅުވެފައެވެ. އަދި ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމަށާއި އެގޮތުން އެތާ ހުރި ދަނޑިބުރިއަކުން ވެސް ތަޅާފައި ހުރި ކަމަށާއި ފަޓުލޫނު ވެސް ހުރީ އިރާލާފައި ކަމަށް ފިރާގް ވިދާޅުވިއެވެ.

ކައުންސިލް މެންބަރު އަލީއާ ހަވާލާ ދެއްވާ ފިރާގް ވިދާޅުވީ ބޯ ފަޅައިގެން ގޮސްފައިވާލެއް ބޮޑު ކަމުން އެތެރެއަށް ލޭ ގޮސްފައިވާ ކަމަށާއި ގައިގެ ތަންތަން ނޫފައި ގަންފައިވާ ހުރުމުގެ އިތުރުން ކޮނޑާއި ކަރުގައިވެސް ޒަހްމަތްކެއް ހުރި ކަމަށެވެ.

މީގެ ކުރިން ވެސް އެކި ފަހަރުގެ މަތިން އެގެއިން ވައްކަން ކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ކާކުކަން ދެނެގަނެވިފައި ނުވާތީ ފިޔަވަޅު އަޅާފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހދ. ހަނިމާދޫގެ ގެއަކަށް މީހަކު ވަދެ އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު މައްސަލައެއް އަންގާރަ ދުވަހުގެ ރޭ 11:45 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އަނިޔާވެފައި ވަނީ 63 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރުމުން ކަމަށެވެ.

މިއަދު ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 7 ދުވަސް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާ ކަމަށެވެ.

އަނިޔާ ލިބުނު މިހާގެ ހާލަތާ ގުޅިގެން މިއަދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ އެ މީހާއި ބޮލާއި ހަށިގަނޑުގެ އެކި ހިސާބުތަކުގައި ޒަހަމްތައް ހުރިކަމަށާއި އެހެންނަމަވެސް މިހާރު ހާލު ރަނގަޅު ކަމަށެވެ. އަދި މިއަދު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ވެސް މުހައްމަދު ވިދާޅުވިއެވެ.