ޝަރީއަތުން ހުކުމްކޮށްފިނަމަ މުސާރައިން ކެނޑޭ ގޮތަށް ދަރިންގެ ހަރަދު ދެއްކޭނެ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ވަނީ އެފަދަ ހާލެއްގައި އެ ކޯޓުން އަމަލު ކުރަމުންދާ ގޮތްވެސް ތަފްސީލް ކޮށްދީފައެވެ.
އެގޮތުން ފެމިލީ ކޯޓުން ބުނީ ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކޮށް ކޯޓު މެދުވެރިކޮށް ހަރަދު ފައިސާ ހޯދުމަށްޓަކައި ހުކުމް ތަންފީޒު ކުރުމަށް އެދޭ ފޯމު ހުށަހެޅުން ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކުރުމަށް ޝަރީއަތުން ހުކުމް ކޮށްފިނަމަ ކޮންމެ މަހަކު ހަރަދު ދޭންޖެހޭ ފަރާތުގެ މުސާރައިން އުނިކޮށް ކޯޓަށް ޖަމާކުރަންވީ މިންވަރު، ކޯޓުން ހަރަދު ދޭންޖެހޭ ފަރާތް ވަޒީފާ އަދާކުރާ އިދާރާއަށް އަންގާނެ ކަމަށެވެ.
ހަރަދު ދޭންޖެހޭ ފަރާތް ވަޒީފާ އަދާކުރާ އިދާރާއިން މުސާރައިން އުނިކުރުމަށް ފަހު ކޯޓަށް ފޮނުވުމުން ހަރަދު ލިބެންޖެހޭ ފަރާތުގެ އެކައުންޓަށް އެ ފައިސާ ފޮނުވާނެ ކަމަށް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.
ދަރިންގެ ހަރަދުގެ މައްސަލަތަކަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލަތަކަކަަށް ވާއިރު މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ދަރިންގެ ހަރަދުގެ ގޮތުގައި 41.1 މިލިއަން ރުފިޔާ ފެމިލީ ކޯޓަށް ދައްކަން ޖެހޭ ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފެމިލީ ކޯޓުން ބުނީ އެ މުއްދަތުގެ ތެރޭގައި ދަރިންގެ ހަރަދަށް 41.1 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އޭގެ ތެރެއިން ކޯޓަށް ދެއްކީ 20.5 މިލިއަން ރުފިޔާ ކަމަށެވެ. އަދި ދަރިންގެ ހަރަދުގެ ގޮތުގައި ކޯޓުން ބަލައިގަތް ފައިސާގެ ތެރެއިން 21.2 މިލިއަން ރުފިޔާ މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ކުދިންނަށް ދޫކޮށްފައިވާ ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފައެވެ.
މީގެއިތުރުން ދަރިންގެ ބޯހިޔާވަހިކަމާއި އެހެނިހެން ހަރަދުގެ ގޮތުގައި 772،115.27 ރުފިޔާ ކޯޓަށް ލިބެން ޖެހޭ ކަމަށާއި އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި ކޯޓަށް ލިބުނީ 130،498.35 ރުފިޔާ ކަމަށް ކޯޓުން ބުނެއެވެ. އަދި އެ ފައިސާގެ ތެރެއިން 88،726.44 ރުފިޔާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފެމިލީ ކޯޓުން ވަނީ ބުނެފައެވެ.