ހުޅުމާލެ ހުޅަނގު ދެކުނު ހާބަރު ތަރައްގީ ކުރުމުގެ މަޝްރޫއު ޖީޕީއެލް ހޯލްޑިންގްސް ޕަރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ޑިންގީ ހާބަރެއްގެ އިތުރުން ކޮމާޝަލް ޑިވެލޮޕްމަންޓް އަދި ވެހިކިއުލާ ހާބަރެއް ތަރައްގީ ކުރާނެއެވެ.
މިވަގުތު މާލެ ސަރަހައްދުގައި ގާއިމް ކުރެވިފައި ވަނީ އެންމެ ޖެޓީ ހަބަރެއްކަން ފާހަގަކޮށް އާބަންކޯއިން ބުނީ އެ ހަބަރަކީ އެކަށޭނަ ބޮޑުމިނެއްގެ ހާބަރަށް ނުވުމުން، ޑިންގީ ގެންގުޅޭ ފަރާތްތަކަށް ދިމާވާ ދަތިތަކަށް މި މަޝްރޫގެ ދަށުން ހައްލު ލިބި ފަސޭހަ ވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ހުޅުމާލެގައި މިވަގުތު ކަމް ކާގޯ ވެސެލްއަށް ހާއްސަކޮށްގެން ހާބަރެއް ނެތުމުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ވެހިކިއުލާ ހާބަރު ތަރައްގީ ކުރުމުން ހައްލު ލިބިގެންދާނެ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން އިތުރަށް ބުނީ މި ސަރަހައްދުގައި ޕާކިންގް ޒޯނެއް ތަރައްގީ ކުރެވިގެންދާނެ ކަމަށާއި އޭގެ ސަބަބުން މާލެ ސަރަހައްދުގައި އުޅަނދު ޕާކް ކުރުމަށް ދިމާވެފައިވާ ގޮންޖެހުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން ކާރު އަދި ސައިކަލްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޕާކިން ސްޕޭސް ގާއިމް ކުރެވިގެންދާނެ ކަމަށާއި ކޮމާޝަލް ޑިވެލްޕްމަންޓަށް ތަފާތު ސްޕޭސެސްތައް ތަރައްގީ ކުރެވިގެންދާނެ ކަމަށް ވެސް އާބަންކޯ އިން ބުނެއެވެ.