ރާއްޖޭގައި ބޮޑުވެފައިވާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން އިތުރު އެތައް މައްސަލަތައް ކުރިމަތިވަމުން އަންނައިރު ފޭރުމާއި ވައްކަމާއި މާރާމާރީގެ މައްސަލަތަކުގެ އަޑަކީ ފިއްކަޑައިގެންދާ ފަދަ މައްސަލަތަކެވެ. އެފަދަ ކޮންމެ މައްސަލައަކާ ގުޅިފައިވާ ގާނޫނީ ލުއި ފަސޭހަތަކަކީ ބޮޑު އިހުމާލެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ރޭ ހދ. ހަނިމާދޫގައި ހިނގި ހާދިސާއާ ގުޅިގެންވެސް ގިނަ ބައެއްގެ އިނގިލި އަމާޒުވީ އެކަމަށެވެ.

ރޭ ގާތްގަނޑަކަށް 11:30 ހާއިރު ހދ. ހަނިމާދޫގައި 63 އަހަރުގެ ދުވަސްވީ، ނުކުޅުންތެރިކަން ހުންނަ ފިރިހެނަކު އެކަނި އުޅެމުންދާ ގެއަކަށް މީހަކު ވަދެ ވައްކަން ކުރުމަށްޓަކައި އެ މީހާއަށް ވަނީ ގިނަ އަނިޔާތަކެއް ދީފައެވެ. އެކަން ހިނގާފައިވާ ގޮތް އެ ރަށުގެ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު ފޭސްބުކުގައި ވީޑިއޯއަކާއެކު ހިއްސާ ކުރައްވާފައި ވާއިރު އެ ވީޑިއޯއިން ފެންނަނީ ތުހުމަތު ކުރެވޭ މީހާއެވެ.

އެ މީހާ ލައިގެން ހުރި ޓީޝާޓުގައި ލޭ ހުރިއިރު، ދުވަސް ވީ މީހާއަށް ލިބެމުން ދިޔަ އަނިޔާއަށް އެ މީހާ ގޮވަމުން ދިޔަ އެއްޗެހި އަޑުއިވިގެން އެ ގެއާ ދިމާލަށް ދިޔަ މީހަކު އެ ވީޑިއޯގައި ވާހަކަދައްކާ އަޑުއިވެމުން ދެއެވެ. އެ މީހާ ބުނީ ދުވަސްވީ އެ މީހާއަށް ލިބެމުން ދިޔަ އަނިޔާއަށް ކެތްނުކުރެވި، ފައިސާ ހުރިތަން ބުނާނެ ކަމަށާއި ފައިސާ ދޭނެ ކަމަށާއި އަނިޔާ ނުކުރުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ކަމަށެވެ.

"ލާރި ކޮޅު ދޭނަމޭ އަނިޔާ ނުކުރާށޭ ނުމަރާށޭ، މަ ލާރި ކޮޅު ދައްކާނަމޭ، ކަލޭ ލާރި ކޮޅު ގެންދާށޭ. ކޮއްކޮއޭ ކިއީ ވެސް ނުލާހިކު ރަނގަޅަށް، މަޑުން ރީއްޗަށް. ތިހެން ނުހަދާށޭ. ހެޔޮނުވާނެ ކިތައް ފަހަރު. އޭނަ ގައިގަވެސް ތެޅި ވޮލެޓް އަތުލަން އޭނަ ހުރީ އޮރިޔާންވެސް ކޮށްފައި"
އެ ސަރަހައްދަށް ދިޔަ މީހުން

އެ ހާދިސާ ހިނގި ގޮތް އިތުރަށް ތަފްސީލް ކޮށްދެއްވާ، ފިރާގު "ދަ ޕްރެސް" އަށް ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގި އެއީ 4 ވަނަ ފަހަރު ކަމަށާއި މީގެ ކުރިން އެކަން ކުރަނީ ކާކުކަން ދެނެގަނެވިފައި ނުވާތީ މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.

ރޭ އެ މީހާ ދެނެގަނެވުނު ގޮތާ ގުޅިގެން ފިރާގު ވިދާޅުވީ މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދުމަށްޓަކައި އެ ދުވަސްވީ މީހާއަށް އަނިޔާކުރާ އަޑު ރަށުގެ ބީރަށްޓެއްސަކަށް އިވިފައިވާ ކަމަށާއި އެ ޒުވާނާއަށް ވަންނަން ނުކެރިގެން މީހެއްގެ އެހީއަށް އެދި ބެލުމުން، އެ ރަށުގެ ބޮޑުމަގުން ދިމާވި މީހަކާ ދެމީހުން އެ ރުއިމުގެ އަޑު އަންނަ ދިމާއަށް ދަނިކޮށް އެ މީހުންގެ ކުރިމަތިން މީހަކު ދުވެފައި ނުކުމެގެން ދިޔަ ކަމަށެވެ.

އެ މީހުންނަށް އެއީ ކާކުކަން ވަރަށް ސާފުވެފައިވާ ކަަމަށާއި މުސްކުޅި މީހާ ލެއިން ތަތްތެޅިގެން އޮވެ، އެއީ ކާކުކަން، ކޮން ގެއެއްގެ މީހެއްކަން ކިޔައިދެމުން ދިޔަ ކަމަށް ފިރާގު ވިދާޅުވިއެވެ. ފިރާގު ވިދާޅުވީ އެ ގެއަށް އެ މީހަކު ވަދެފައި ވަނީ ދޮރުގެ ތަޅުގައި ބާރަށް ހިފާ ކޮށްޕާލައއިގެން ކަމަށާއި އެއީ އިހުގެ ދުވަސްވީ ދޮރާއި ތަޅުކަމަށް ވާތީ އެކަން އެ މީހަކު ފަސޭހައިން ކޮށްފައިވާ ކަމަށެވެ.

"މުސްކުޅިމީހާ ލެއިން ތަތްތެޅިގެން އޮވެ އެއީ ކާކުކަން ކޮންގެއަކު ސޮރެއްކަންވެސް ކިޔާ"
ފިރާގް

އެވަގުތު ހަނިމާދޫ ކައުންސިލްގެ މެމްބަރު އަލީ އިބްރާހިމް ވެސް އެސަރަހައްދުގައި ހުންނެވި ކަމުން އެތަނަށް ވަޑައިގެން އަވަސްވެގަތީ އެއީ ކާކުކަން ހޯދަން ކަމަށާއި އެއީ ކޮންގެއެއްގެ ކާކުކަން އެނގުމުން މެމްބަރު އަލީ، އެ ވަގުތުން ފެށިގެން ވަޑައިގެން އެ މީހާގެ ގެ ދޮށުގައި ފިލާ ބައި ގަޑިއިރެއް ހާއިރު ހޭދަކުރެއްވި ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި ފިރާގަށާއި ހޭލާ އުޅޭނެ ހެން ހީވާ ރަށުގެ އެކި މީސް މީހުންނަށް ގުޅާ އެ ހަބަރު ދެއްވި ކަމަށާއި އަދި އެ މީހާ ގެއަށް ދިއުމުން އޭނާ ގޮވައިގެން އަލީ، އެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ކަމަށް ފިރާގު ވިދާޅުވިއެވެ.

އެ މީހާ ފެނުމުން އެ ހާދިސާ ހިނގި ސަރަހައްދަށް ކުރިން ދިޔަ ދެ މީހުންނަށް ޔަގީން ކަމާއެކު އެ ގެއިން ނިކުމެގެން ދިޔައީ އޭނާކަން ބުނަން އެނގުނު ކަމަށާއި އެހާ ހިސާބުން އޭނާ ފުލުހުންނާ ހަވާލުކުރި ކަމަށް ފިރާގް ވިދާޅުވިއެވެ.

އެ މުސްކުޅި މީހާއަކީ އެކަނި އުޅެން ބޭނުންވާ މީހެއްކަން ފާހަގަ ކުރައްވާ ފިރާގް ވިދާޅުވީ ކެއުމާއި އެހެން ވަގުތުތަކުގައި އެ މީހާ އާއިލާ އާއެކު ހޭދަކުރާ ކަމަށާއި ނިދަނީ އެ ގޭގައި ކަމަށެވެ. ވައްކަން ކުރަން ވަތް މީހާ ނެގީ ކިހާ އަދަދެއްގެ ފައިސާކަން ނޭނގުނު ނަމަވެސް ފައިސާ ނެގި ކަމަށް ފިރާގް ވިދާޅުވިއެވެ. އަދި ފިރާގް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ސީދާ އެ މީހާ ނިދާފައި އޮއްވާ ކަން އެނގިވަޑައި ނުގަތް ނަމަވެސް އެ މީހާ ރޭގަނޑު ކެއުމަށް ފަހު އޮންނާނީ އެ ގޭގައި ކަމަށެވެ.

ގިނަ ޒަހަމްތަކެއް، ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި، އިތުރު ފަރުވާ ދެނީ!

އެ މީހާ އޮތީ ލެއިން ތަތްތެޅިފައިކަން ފާހަގަ ކުރައްވާ ފިރާގް ވިދާޅުވީ ބޯވެސް ވަރަށް ބޮޑަށް ފަޅާލާފައިވާ ކަމަށާއި މޫނުމަތީގައި އެކި ތަންތަނުގައި ތަޅާފައިވާ ކަމަށެވެ. އަދި އޭނާ އަޑުގަދަ ކުރާތީ އަނގަޔަށް ވެސް ޒަހަމްތަކެއް ދީފައި ވާއިރު ގައިގެ އެކި ތަންތަނުގައި ތަޅާފައިވާ ކަމަށާއި އެގޮތުން އެތާ ހުރި ދަނޑިބުރިއަކުން ވެސް ތަޅާފައި ހުރި ކަމަށާއި ފަޓުލޫނު ވެސް ހުރީ އިރާލާފައި ކަމަށް ފިރާގް ވިދާޅުވިއެވެ.

ކައުންސިލް މެންބަރު އަލީއާ ހަވާލާ ދެއްވާ ފިރާގް ވިދާޅުވީ ބޯ ފަޅައިގެން ގޮސްފައިވާލެއް ބޮޑު ކަމުން އެތެރެއަށް ލޭ ގޮސްފައިވާ ކަމަށާއި ގައިގެ ތަންތަން ނޫފައި ގަންފައިވާ ހުރުމުގެ އިތުރުން ކޮނޑާއި ކަރުގައިވެސް ޒަހްމަތްކެއް ހުރި ކަމަށެވެ. އަދި ފުލުހުންނަށް އެ ހުރިހާ އެއްޗެއް ފެންނާނެ ކަމަށާއި އެ ކަންކަމަށް ތުހުމަތު ކުރެވޭ މީހާ އެއްބަސްވެސް ވާ ކަމަށް ފިރާގް ވިދާޅުވިއެވެ.

"އަނިޔާތައް ވަރަށް ބޮޑު، ބޯ ވަރަށް ބޮޑަށް ފަޅާލާ މޫނު މަތީގައި އެކި ތަންތަނުގައި ތަޅާ، އަނގަޔަށްވެސް އަޑުގަދަ ކުރާތީ ޒަހަމްދީ ގައިގަ އެކި ތަންތަނުގައި ތަޅާ، އެތާ ހުރި ދަނޑިބުރިއެއް ހުސްވަންދެންވެސް ގާތްގަނޑަކަށް ތަޅާފައި ހުރި، ލާފަ ހުރި ފަޓުލޫނާ އެއްޗެހި އިރާލާ."
ފިރާގް

ފިރާގް ވިދާޅުވީ އެ މީހާއަށް ރޭ އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު ފަރުވާ ދެމުން ގެންދަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ކަމަށެވެ.

ރަށު ކޯޓުގައި ގާޒީއެއް ނެތި ކޯޓު އަމުރު ނެރެންވެސް ދަތިތަކެއް، ހައްޔަރު ކޮށްފައި ވަނީ ރިކޯޑް އޮތް މީހެއް!

އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކޮށްފައި ވާއިރު ފިރާގް ވިދާޅުވީ ހައްޔަރު ކޮށްފައިވާ މީހަކީ ރިކޯޑް އޮންނަ މީހެއް ކަމަށާއި މިހާރުވެސް ޕީޖީގައިވެސް މައްސަލައެއް އޮންނާނެ ކަމަށެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައާއި ވައްކަމުގެ މައްސަލަ ހިމެނޭނެ ކަމަށް ފިރާގް ވިދާޅުވިއެވެ.

ފިރާގް ވަނީ ގާނޫނު ހެދިފައި އޮންނަ ގޮތުން އެ މީހުންނަށް ހިމާޔަތް ލިބޭ ކަން ފާހަގަ ކުރައްވާ ފުލުހުންނަށް އެ ވަގުތުގައި އެކަށީގެންވާ ފިޔަވަޅު އެޅެން ނޯންނާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރޭގައިވެސް އެކަން ހިނގިއިރު ރަށު ކޯޓުގައި ގާޒީއެއް ނެތުމުން ކޯޓު އަމުރު ނުނެރެވިގެން އުނދަގޫ ތަކެއް ދިމާވިކަން ފިރާގް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ މީހާ އަކީ ޕީޖީގައި އޮތް މައްސަލައަކާ ގުޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ކުށެއް ނުކޮށްފިނަމަ އެކަމުގެ އަދަބު ނާންނަ ގޮތަށް އެއްބަސްވުމެއް ހަދާ، ދޫކޮށްލާފައި ވާ މީހެއްކަން ފާހަގަ ކުރައްވާ ފިރާގް ވިދާޅުވީ ރޭ އެ ހާދިސާ ހިނގީ ދީފައިވާ މުއްދަތް ހަމަވިތާ ގާތްގަނޑަކަށް ދެ ދުވަސްވެފައި ވަނިކޮށް ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އާންމުކޮށް އެފަދަ ހާދިސާތަކުގައި ބުނާ މިންވަރަށް އެގޮތަށެވެ. އެގޮތުން ހދ. ހަނިމާދޫގެ ގެއަކަށް މީހަކު ވަދެ އެ ގޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހަކަށް އަނިޔާކޮށް ފައިސާ ފޭރުނު މައްސަލައެއް ރޭ 11:45 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށާއި އަނިޔާވެފައި ވަނީ 63 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ބުންޏެވެ. އަދި އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން 25 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ދަނީ ތަހުގީގު ކުރުމުން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ދަ ޕްރެސް" އިން ސުވާލު ކުރުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މިއަދު ހެނދުނު ގާތްގަނޑަކަށް 9 ޖަހާ ހާއިރު އެ އުމުރުގެ މީހަކު ގެނެސްފައިވާ ކަމަށާއި އެ މީހާއަށް އެކި ވަރުގެ ޒަހަމް ލިބިފައި ވާއިރު ބޮލަށްވެސް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ވަގުތު އެ މީހާ އޮތީ އޮބަޒަވޭޝަންގައި ކަމަށް މުހައްމަދު ވިދާޅުވިއެވެ.