ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.އާބާދީގައި 290 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެރަށު ކައުންސިލުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް މިނިސްޓްރީގައި އެދުނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ކައުންސިލުން އޭރު އެދުނީ ކ. ތުލުސްދޫ އަށް ބަދަލުކޮށްދޭށެވެ. އެއީ މާލެ ކައިރީގައި އޮންނަ ރަށަކަށްވާތީ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހދ. ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.އަދި ތުލުސްދޫގެ ބަދަލުގައި ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލު ކުރަން ނިންމި ވަކި ސަބަބެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައި ނުވެއެވެ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.