މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަޕާ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހދ. ހަނިމާދޫއާއި ފިއްލަދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

މި މަހުގެ 29 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަނުގައި 5 މީހުން ހައްޔަރުކޮށްފައިވާއިރު އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެގޮތުން ހަނިމާދޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ލޭކޮކާ، އަބްދުލްއަޒީޒް ހަސަން (38އ) އާއި ކ. ގުރައިދޫ / ގުލްފާމުގެ، ޖައިލަމް މުހައްމަދު (21އ) އާއި ކ. ގުރައިދޫ / ނަލަވާ، ހުސައިން ޝާވިން (23އ) އެވެ. މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެކަކުގެ އަތުން ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް އާއި ޝާވިން ފަސް ދުވަހަށް ބަންދުކުރުމަށް އަދި އަބްދުލްއަޒީޒް ހަސަން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އަދި ހަމަ އެހެންމެ ފިއްލަދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ފިއްލަދޫ / ކެވެލި، އަހުމަދު ހަލީމް (34އ) އާއި ހއ. ފިއްލަދޫ / ޓާޓާގެ، މުހައްމަދު ސާދިގު (45އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަލީމް 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކުރިއިރު ސާދިގު ވަނީ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.