ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީ އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، މި މިސްކިތަކީ 7،933 އަކަ މީޓަރުގެ ސަރަހައްދެއްގައި ގާއިމުކުރެވިގެންދާ މިސްކިތެއް ކަމަށެވެ.
މި މަޝްރޫއަކީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށް ހަވާލުކުރެވިފައިވާ މަޝްރޫއެއްކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ މި މަޝްރޫއާއެކު ނަމާދު ކުރާނެ ރަނގަޅު ފެންވަރުގެ މިސްކިތެއް ހަނިމާދޫގައި ގާއިމުކުރެވިގެން ދާނެ ކަމަށެވެ.
މީގެއިތުރުން ހަނިމާދޫއަކީ އެއާޕޯޓު ތަރައްގީ ކުރެވިފައިވާ ރަށަކަށް ވުމާއެކު ގިނަ އަދަދެއްގެ ދިވެހިންނާއި ފަތުރުވެރިން މި ރަށަށް ޒިޔާރަތް ކުރާކަން ފާހަގަކޮށް އެމްޓީސީސީ އިން ބުނީ މި މިސްކިތާއެކު ދީނީ ތައުލީމު އުނގެނުމަށާއި، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށްވެސް މަގުފަހިވެގެން ދާނެ ކަމަށެވެ.
މި މަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ނައިބު އިބްރާހިމް އާސިމްއެވެ.