ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލު ކުރުމުގެ މަސައްކަތަކީ ބޮޑު މަސައްކަތެއް، މަޝްވަރާ ބައްދަލުވުންތައް ފަށަން ތައްޔާރުވެފައިވާ އިރު، މި ދައުރު ނިމުމުގެ ކުރިން ހިރިމަރަދޫ މީހުން ބަދަލު ކުރެވޭނެ ކަމަށް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އާދަމް ޗަރީފް މިހެން ވިދާޅުވެފައި މިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ހިރިމަރަދޫ މީހުން ބަދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައިވާ އިރު، އެ މަސައްކަތް ވަނީ އެ މިނިސްޓްރިއާ ހަވާލުކޮށްފައި ކަމަށެވެ.

އެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަން ފާހަގަ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެ މަސައްކަތުގެ ސިޔާސަތު ކަރުދާސް މިހާރު އެކުލަވާލަމުން އަންނަ ކަމަށެވެ. އެ ކަރުދާހުގެ ފުރަތަމަ ދެލިކޮޕީ ރައްޔާރުކޮށް ނިމިފައިވާ އިރު، މިހާރު މި މަސައްކަތުގައި ކަމާ ގުޅުން ހުރި ފަރާތްތަކާއެކު އަންނަ ހަފްތާ ތެރޭގައި މަޝްވަރާ ބައްދަލުވުންތައް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ހިރިމަރަދޫގެ ރައްޔިތުން އެދިފައިވާ ގޮތަށް ބަދަލު ކުރައްވާނެ ކަމުގެ ޔަގީން ކަން މިނިސްތަރު ދެއްވިއެވެ. މީހުން ބަދަލު ކުރުމަށް އިތުރު ރަށްރަށްރަށުން ވެސް އެދިފައިވާ ކަން ހާމަކުރައްވަމުން ރަށްރަށް ހާމަނުކުރައްވައި މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި މ އަތޮޅާއި ވ އަތޮޅުގެ ރަށެއް އެބަ އޮތް ކަމަށެވެ.

އާބާދީގައި 290 އެއްހާ މީހުން ދިރިއުޅޭ ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެރަށު ކައުންސިލުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް މިނިސްޓްރީގައި އެދުނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ކައުންސިލުން އޭރު އެދުނީ ކ. ތުލުސްދޫ އަށް ބަދަލުކޮށްދޭށެވެ. އެއީ މާލެ ކައިރީގައި އޮންނަ ރަށަކަށްވާތީ ކަމަށް އޭރު ކައުންސިލުން ވަނީ ބުނެފައެވެ.

ނަމަވެސް ރައީސް އޮފީހުން ބުނެފައި ވަނީ ހދ. ހިރިމަރަދޫ ރައްޔިތުން އެދޭގޮތަށް، އެރަށު ރައްޔިތުން ހދ. ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.