ރިޔާސީ ނިޒާމުގެ ތެރެއިން ވެރިކަން ކުރުމުގެ ފުރުސަތު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޭން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ދަ ޑިމޮކްރެޓްސް ޕާޓީން އެއްބަސްވެ، މިއަދުގެ އެޖެންޑާއިން ނިޒާމުގެ މައްސަލަ ނަގައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ނަޝީދު ވިދާޅުވީ، ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގަރާރެއްގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ކަމުގެ މައުލޫމާތު އިއްޔެ އިންތިހާބީ ރައީސް ޑރ. މުއިއްޒުއާއެކު ބޭއްވެވި ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ނިޒާމުގެ ވޯޓުގެ ކަންކަން މަޑު ޖައްސާލައްވާނެ ކަމަށް މުއިއްޒަށް ދަންނަވާފައި ވާނެ ވެސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ވޯޓެއް ނަގާފައި. އަދި އެ މަސައްކަތް މަޖިލީހުގައި އެބަ ދެޔޭ. އެހެންނަމަވެސް މިހާރު އަޅުގަނޑު ވެސް އެ ވޯޓަށް އެދުނު ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ވެސް އެދެނީ އެ މަސައްކަތް މިވަގުތު ނުކުރުމަށޭ. ޑިމޮކްރެޓިކް ޕާޓިން އެދެނީ ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލެވި، އެ ސަރުކާރުން ރިޔާސީ ނިޒާމުގައި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށޭ
ނަޝީދު

ނަމަވެސް ނިޒާމު ބަދަލުކުރުމުގެ ވާހަކަ ރައްޔިތުންގެ މެދުގައި ފިލާ ނުދާ ކަން މުއިއްޒަށް ދެންނެވި ކަމަށާއި ފަހުން ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމުގެ އިޝާރާތެއް މުއިއްޒު ދެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން މީގެ ކުރިން ނަޝީދު ބާރުއެޅުއްވި ނަމަވެސް މިގޮތަށް ކުއްލިއަކަށް ބަދަލުވެފައި މިވަނީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން ފާސްކޮށްފައި ވަނިކޮށެވެ.

ރޭ އެމްޑީޕީ ގައުމީ މަޖިލީހުގައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. 90 މެންބަރުން ބައިވެރިވި އެ ވޯޓުގައި އެންމެންވެސް ބުނީ "ބަރުލަމާނީ ނިޒާމަށް ނޫނެކޭ" އެވެ.

މި ޖަލްސާގައި އެމްޑީޕީގެ 90 މެންބަރުން ބައިވެރިވެފައި ވާ އިރު، ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެއް މެންބަރަކު ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން ވަނީ ރިޔާސީ ނިޒާމަށް ތާއީދު ކުރާ ކަަމަށް ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީ ގެންނަން ނުފެންނަ ކަމަށް ވެސް އެ މެނބަރުން ވަނީ ބުނެފައެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމުމަށް ކުރި ބަހުސްގައި އެންމެ ފުރަތަމަ ފުރުސަތު ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ދެ ނިޒާމުގައި ވެސް ރަނގަޅު ކަންތައްތަކަކާއި ގޯސް ކަންތައްތަކެއް ހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމެއް ކަމަށް ފެނިވަޑައިގަންނަވަނީ ރިޔާސީ ނިޒާމް ކަމަށައި އެ ނިޒާމަށް އެ މަނިކުފާނު ތާއީދު ކުރައްވާ ކަމަށެވެ.

ނިޒަމީ ވޯޓަކަށް ގޮސްފި ނަމަ، ރާއްޖޭގައި ރިޔާސީ ނިޒާމް ބޭއްވުމަށްޓަކައި ކުރަން ޖެހޭ އަމަލީ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދަޅުވިއެވެ.