ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ވާދަ ކުރި 2 ޕާޓީއިން ވެސް އެބައެއްގެ ފަޅި ރަނގަޅުކަން ދެއްކުމަށް ދީނީ ހިޔާލާތުތައް ބޭނުން ކުރި ކަމަށް ޔޫރޮޕިއަން ޔޫނިއަންގެ އިލެކްޝަން އޮބްޒަވޭޝަން މިޝަން (އީޔޫ އައިއޯއެމް) އިން ބުނެފިއެވެ.

އީޔޫ އައިއޯއެމް އިން ބުނީ ކެމްޕެއިންނުގެ ތެރޭގައި ވޯޓުލާމީހުންގެ ތާއީދު ހޯދުމަށް އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަށް ބެހިފައި ވާކަން ފާހަގަ ކުރެވުނުއިރު، ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުން ދިޔަ ކަމަށެވެ.

ސިޔާސީ ޕާޓީތަކާ ގުޅިފައި ތިބި އިންފްލުއެންސަރުން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ގުޅޭގޮތުން ހަގީގަތާ ހިލާފު (ޑިސްއިންފޮމޭޝަން) ފަތުރައި، ދެވަނަ ބުރުގައި ވޯޓަކީ ރާއްޖޭގެ އިސްތިގުލާލާއި މެދު ނެގޭ ވޯޓެއް ކަމަށް ސިފަ ކޮށްފައިވާ ކަމަށާއި ޕީޕީއެމް، ޕީއެންސީ އިން ވެރިކަން ކުރާ ޕާޓީއާ ދެކޮޅަށް ތުހުމަތުކޮށް، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނަމުން ދިޔަކަން އީޔޫ އައިއޯއެމް އިން ވަނީ ފާހަގަ ކޮށްފައެވެ.

ރަނގަޅު މައުލޫމާތާއި އަދި ސިޔާސީ ހިޔާލު ބަދަލުކުރުންތަކުގައި ވިސްނުން ބަދަލުކުރުވައި، އޮޅުވާލުމަށް ނުބައި މައުލޫމާތު ފެތުރުމަށް އެންމެ ބޮޑަށް ބޭނުންކުރި ޕްލެޓްފޯމް ތަކަކީ މެޓާ [ފޭސްބްކް] އަދި އެކްސްކަމަށް ވާއިރު އެކްސް އަދި މެޓާގައި ދެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކާއި، މީޑިއާ އައުޓްލެޓްތަކާއި އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރުން މި މަހުގެ 10 އާއި 29 އާދެމެދު ޕޯސްޓުކުރި އިންތިހާބާ ގުޅޭ 3،731 އަށްވުރެ ގިނަ ޕޯސްޓް އީޔޫ އީއޯއެމް އިން ދިރާސާ ކުރި ކަމަށް ބުނެފައި ވެއެވެ.

އީޔޫ އައިއޯއެމް އިން ބުނީ ޕާޓީތަކުގެ ރަސްމީ އެކައުންޓްތަކުން ޕޯސްޓް ކުރީ ކެމްޕެއިންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ކަމަށެވެ. އޭގެތެރޭގައި ފޮޓޯ، ވީޑިއޯ އަދި މެޓާ ލައިވްތައް ހިމެނޭއިރު އެ ޕޯސްޓް ލައިވްތައް ބަލާފައިވާ މިންވަރު 3.5 މިލިއަނަށް އަރާ ކަމަށާއި ޕީޕީއެމް، ޕީއެންސީއާއި އެ ޕާޓީތަކާއި ގުޅިފައިވާ ޕޭޖުތަކުން މެޓާގައި އިސްތިހާރު ކުރުމަށް 500 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދު ކޮށްފައި ވާކަމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި މެޓާގައި އިސްތިހާރު ކުރުމަށް އެމްޑީޕީ އަދި އެ ޕާޓީއާ ގުޅިފައިވާ ޕޭޖުތަކުން ހަރަދު ކުރީ 150 އެމެރިކާ ޑޮލަރަށް ވުރެ ކުޑަ އަދަދއް ކަމަށާއި މިއީ ފުރަތަމަ ބުރުގައި މެޓާގައި އިސްތިހާރު ކުރި އަދަދާ ބަލާއިރު ވަރަށް ބޮޑުތަން ދަށް އަދަދެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އިދިކޮޅު މީހުން ފަހަތަށް ޖައްސާލައި، އެބައެއްގެ ފަޅި އެއީ އެންމެ ރަނގަޅު ފަޅިކަމުގައި ދައްކުވައިދިނުމަށްޓަކައި، މައިގަނށު ދެ ޕާޓީއިން ވެސް ދީނާ ގުޅޭ ހިޔާލާތުތައް އެމީހުންގެ އޮންލައިން ޕޯސްޓްތަކުގައި ބޭނުންކޮށްފައި ވާކަން ފާހަގަކޮށް އީޔޫ އައިއޯއެމްއިން ބުނީ ސިޔާސީ ގޮތުން ގުޅުންތައް އޮންނަ ދީނީ ބައެއް ފަރާތްތަކުން މިފަދަ ހިޔާލާތުތައް އިތުރަށް ފެތުރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ބައެއް ފަހަރު، ބައިބައި ކުރުވާފަދަ ބަހުރުވަ ހުންނަ ވީޑިއޯ ކޮންޓެންޓް ކެމްޕެއިން ޖަލްސާތަކުން ނަގައިގެން ވީޑިއޯ ކޮޅުކޮޅު ހަދައިގެން ވެސް އެފަދަ ފަރާތްތަކުން ބޭނުން ކޮށްފައިވާ ކަމަށެެވެ.

މީގެ އިތުރުން އެކްސް އަދި މެޓާގައި އެކައުންޓް ގެންގުޅޭ ސޯޝަލް މީޑިއާ އިންފްލުއެންސަރުން ދޮގު މައުލޫމާތު ފަތުރައި، ޒާތީ ގޮތުން ބަހުގެ ހަމަލާދީ، ދެ ކެންޑިޑޭޓުންނާ ދެކޮޅަށް ހަގީގަތް ހޯދިފައި ނުވާ ތުހުމަތުތައް ފަތުރާފައި ވާކަން އީޔޫ އައިއޯއެމް އިން ވަނީ ފާހަގަ ކޮށްފައެވެ. އޮންލައިންކޮށް ހިންގާ ނޫހެއް ކަމަށްވާ 'ދިޔަރެސް' އިން މިހާރު ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައި ވާކަން ފާހަގަ ކުރެވުނު ކަމަށާއި ބައެއް ސޯޝަލް މީޑިއާ އިންފްލުއެންސަރުން އެކްސްގައި މީހުންނަށް އޮޅުން އަރާފަދަ ޕޯލްތަކާއި ދޮގު މައުލޫމާތު ފެތުރިކަމަށް ވެސް އީޔޫ އައިއޯއެމްއިން ވަނީ ފާހަގަ ކޮށްފައެވެ.

ވެރިކަން ކުރާ ޕާޓީއިން ރާވައިގެން، އާދައާ ހިލާފަށް ގިނަ އަދަދެއްގެ މީހުން ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރި ކަމަށް އިދިކޮޅު ޕާޓީއިން ތުހުމަތު ކުރުމާ ވިދިގެން އޮންލައިންކޮށް ދޮގު މައުލޫމާތު ފެތުރުން އިތުރުވިކަން ފާހަގަ ކުރެވުނު ނަމަވެސް ރީ-ރަޖިސްޓަރީ ކުރުމާ މެދު ކުރެވުނު ތުހުމަތުތައް އިލެކްޝަންސް ކޮމިޝަނުން ދޮގު ކުރިކަން އީޔޫ އައިއޯއެމް އިން ފާހަގަ ކުރިއެވެ.

ނިމިދިޔަ އިންތިހާބަކީ، ފުޅާ ދާއިރާއެއްގައި މީޑިއާގެ އެކި ވަސީލާތްތައް ބޭނުންކޮށް ފުޅާދާއިރާއެއްގައި ކެމްޕެއިން ހަރަކާތްތައް ހިންގި އިނތިހާބެއްކަން ފާހަގަ ކުރެވެއެވެ.