އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުގައި އިންޑިއާގައި ގާއިމު ކުރި އެމްބަސީ ހިންގުމުގައި އިންޑިއާ ސަރުކާރުން އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެތަން ބަންދުކޮށްފިއެވެ.

އަފްގާނިސްތާންގެ މިހާރުގެ ސަރުކާރަކީ ތޯލިބާނުންގެ ސަރުކާރަކަށް ވާއިރު އެއީ އިންޑިއާއިން މާބޮޑު އެއްބާރުލުމެއް ދޭ ބައެއް ނޫނެވެ.

އިންޑިއާގައި ހުންނަ އެފްގާން އެމްސަބީން ބުނީ، އެގައުމުގައި ދިރިއުޅޭ އަފްގާން މީހުންނާއި، ކިޔަވާ ކުދިންނާއި ވިޔަފާރި ކުރުމުގައި އިންޑިއާ ސަރުކާރުން ދޭން ޖެހޭ އެހީތެރިކަން ހޯދުމުގައި ގިނަ ގޮންޖެހުންތަކާއި ދަތިތައް ހުރި ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާތީ އެމްބަސީ ބަންދު ކުރާ ކަމަށެވެ.

އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނާގޮތުގައި، އިންޑިއާގައި އަފްގާނިސްތާނުގެ 40،000 އެއްހާ ރެފިއުޖީން ދިރިއުޅެއެވެ. އެއީ ރަޖިސްޓާ ކޮށްގެން ދިރިއުޅޭ އަދަދު ކަމަށް ވިޔަސް ގަވައިދާ ހިލާފަށް އުޅޭ މީހުންނާއެކު އެއަދަދު މަތިވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

އެމްބަސީން ބުނީ، އެ ހުރިހާ ރެފިއުޖީންނާއި އެނޫންވެސް އަފްގާން ރައްޔިތުންގެ މަސްލަހަތާ ގުޅުން ހުރި ކަންކަން ހައްލު ކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ވާ ކަމަށެވެ.

އަފްގާނިސްތާނުގައި އޮތް އަޝްރަފް ޣަނީގެ ސަރުކާރު ތޯލިބާނުން ވައްޓާލައި އުފެއްދި ސަރުކާރު ރަސްމީކޮށް އެއްވެސް ގައުމަކުން އަދި ބަލައިގެންފައި ނުވާ އިރު އިންޑިއާވެސް ހިމެނެނީ އެ ލިސްޓުގައެވެ. ނަމަވެސް ސަރަހައްދީ ސިޔާސަތުގެ ދަށުން އިންޑިއާގެ މަންދޫބުން ތޯލިބާނުންނާ ގަތަރުގައި ބައްދަލުކޮށް މަޝްވަރާތައް ބާއްވާފައި ވީ ނަމަވެސް، އެއީ އެމްބަސީއާ ގުޅުން ހުރި ކަމެއްގައި ނޫންކަމަށް ހަބަރުތައް ބުނެއެވެ. އަދި އެ ބައްދަލުވުންތަކުގެ ބޭނުމަކީ، އަފްގާނިސްތާނުގެ މައްޗަށް ޕާކިސްތާނުގެ ނުފޫޒު ކުޑަކުރުމާއެކު އިންޑިއާއަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ހައްލުކުރުމާ މެދު ކުރެވުނު މަޝްވަރާތަކެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އެމްބަސީ ބަންދު ކުރާކަން އިއުލާން ކުރި ނަމަވެސް އިންޑިއާ ސަރުކާރުން އެކަމުގައި އެއްޗެއް ބުނެފައެއް ނުވެއެވެ.