ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އެ އިދާރާތަކަށް މިއަދު ހުށަހެޅުއްވީ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވަނިކޮށް ފަނޑިޔާރު ކަމުން މި މަހުގެ 4 ވަނަ ދުވަހު އިސްތިއުފާ ދެއްވި ހުސްނުއްސުއޫދުއެވެ. އެ އިދާރާތަކަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގެންފައިވަނީ އދ. އިން ވީހާ ވެސް އަވަސް ފިޔަވަޅެއް އެ ކަމުގައި އަޅައި ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށެވެ.

އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަން ފާހަގަކޮށް ސުއޫދު ވިދާޅުވީ އޭނާގެ އިތުރުން އަނެއް ދެ ފަނޑިޔާރުންނަށް މައްޗަށް ބަލަން ފެށި މައްސަލަތަކަކީ ދުސްތޫރީ މައްސަލަައަށް ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ މައްސަލަތަކެއް ކަމަށެވެ.

މީގެ އިތުރުން ވެސް ސުއޫދު ވަނީ އޭސީސީން ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލަ ބަލަން ފަށައި، އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އަށް އެންގިތާ ކުޑައިރުކޮޅެއް ތެރޭގައި ފަނޑިޔާރުން ސަސްޕެންޑް ކުރުމުގެ އިތުރުން އެ ފަނޑިޔާރުންނާ ގުޅޭ ސުލޫކީ ގިނަ މައްސަލަތަކެއް ބަލަމުންދާ ކަން އެ ކޮމިޝަނުން ހާމަކުރިކަން ފާހަގަކޮށްފައެވެ.

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިއްބަވާތީ، އެ ކޮމިޝަން މެދުވެރިކޮށް ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ލިބޭތީ އެ ކަންބޮޑުވުން ވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރެވޭގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާ، ބިލު ފާސްވެސް ކުރިއެވެ. ނަމަވެސް ބިލު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ފޮނުވުން ރައީސް ވަނީ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެ ބިލް އަނބުރާ ފޮނުވާލެއްވީ އެ ބިލް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވުމުންނެވެ.

ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާ އަށް އިސްލާހު ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރުއެވެ. އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު އެކުލެވިގެން ވާނީ ފަސް ފަނޑިޔާރުންގެ މައްޗަށެވެ. މީގެ އިތުރުން އެ މާއްދާ އަށް ބައެއް އަކުރުތައް އިތުރުކުރުމަށް އޭނާ ހުށަހަޅުއްވާފައިވެއެވެ.