ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ސަމޯއާއަށް ފުރާވަޑައިގެންފިއެވެ.
އެމަނިކުފާނު ސަމޯއާއަށް ފުރާވަޑައިގެންފައި ވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން 2024 ގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
މިއީ ބައިނަލްއަގުވާމީ ފެންވަރެއްގައި އިގްތިސޯދީ، މޫސުމީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލުމަށް އެކުގައި މަސައްކަތްކޮށް ހޭލުންތެރިކަމާއި ވިޔަފާރި ކުރިއެރުވުމާއި ދެމެހެއްޓެނިވި ކުރިމަގެއް ބިނާކުރަން މަޝްވަރާކޮށް ގޮތް ނިންމުމަށް ލިބޭ ރަނގަޅު ޕްލެޓްފޯމެކެވެ.
އެގޮތުން ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ވެގެންދާނީ އދގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ 29 ވަނަ މަހާސިންތާ (ކޮޕް 29) ގެ ކުރިން ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި ފިޔަވަޅުތަކާމެދު މަޝްވަރާކުރުމަށް ލިބޭ މުހިންމު ފުރުސަތަކަށް ކަމަށެވެ.
މި އަހަރުގެ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބާއްވަނީ މާދަމާއިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.