މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އެކުގައި މަސައްކަތްކުރުމަށް ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ގޮވާލައްވައިފިއެވެ.
ސަމޯއާގައި މިމަހުގެ 22 އިން 26 އަށް ކުރިއަށްދާ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވަނީ ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭ ކަންތައްތަކަށް ރާއްޖެއިން އިސްކަންދޭކަން ފާހަގަކުރައްވާފައެވެ.
އެގޮތުން މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ މާލީ އެހީ އިތުރުކުރެވޭނެ މަގު ފަހިކޮށް މި އަހަރުގެ މެއި މަހުގައި ބޭއްވުނު ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހަތަރު ވަނަ ބައްދަލުވުމުގައި ފާސްކުރެވުނު "އެންޓިގާ އެންޑް ބާބުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓް" (އަބާސް) ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ޑރ. ހަލީލް ވަނީ ގޮވާލައްވާފައެވެ.
މީގެއިތުރުން ދުނިޔެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ޑިމޮކްރަޓިކް އުސޫލުތައް ނަގަހައްޓާ ނާޒުކު ގައުމުތައް ހިމާޔަތްކުރުމަށްވެސް ހަލީލް ވަނީ މި ހަވާސާގެ ބައްދަލުވުމުގައި ގޮވާލައްވާފައެވެ. އެކި ރޮނގުތަކުން ކޮމަންވެލްތުން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް ޝުކުރު އަދާކުރައްވަމުން ހަލީލް ވަނީ ކޮމަންވެލްތާއެކު ރާއްޖެއިން އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ކޮމަންވެލްތުގެ އުސޫލުތައް ރާއްޖެއިން ނަގަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
ކޮމަންވެލްތު ހާރިޖީ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން ކޮމަންވެލްތުގެ ގައުމުތަކަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމަށާއި ކޮމަންވެލްތުން ހާސިލްކުުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ބާއްވާ ބައްދަލުވުމެެކެވެ.