ކޮމަންވެލްތު ޗާޓަރުގައިވާ ޑިމޮކްރަސީގެ އަސާސްތައް ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ކޮމަންވެލްތު ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މަގުގައި ސާބިތުވެ ހުންނަވާނެ ކަމަށް ރައީސް ވިދާޅުވީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ހަނދާންކޮށްދެނީ ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރުކަމަށެވެ. އަދި ކޮމަންވެލްތަށް އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫން ކަމަށާއި އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރު "ޓުގެދާ ވީ ތްރައިވް" އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިއާރެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ހަމަނުޖެހުމާއި ނާއިންސާފުގެ ހިޔަނި ދުނިޔެއަށް އެޅިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެ ފަދަ ކުދި ދައުލަތްތަކުގެ ހައްގުގައި އަޑުއުފުލައި މޫސުމީ ވިލުންތެރިކަމާއި މާލީ ވަސީލަތްތަކަށް ފުރުސަތު ފަހިކުރުމާއި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުން ފަދަ ހާއްސަކޮށް ކުދި ދައުލަތްތަކުގެ މަސްލަހަތު ހުރި ކަންކަމުގައި ކޮމަންވެލްތުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށެވެ.

މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ އަމަލީގޮތުން ދެއްކުމަށް އެކުގައި މަސައްކަތްކުރުން ލާޒިމުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި ކޮމަންވެލްތާއި މެންބަރު ގައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތް ކަމަށެވެ.