ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން ތަކެއްޗަށް އިދިކޮޅު ފަރާތްތަކުން ގެއްލުން ދެމުންދާތީ އެ ޕާޓީން އެކަން ކުށްވެރި ކޮށްފިއެވެ.
އެމްޑީޕީން ބަޔާން ނެރެފައި މި ވަނީ އެ ޕާޓީގެ ޕޯސްޓަރުތަކަށް ގެއްލުންދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި ބުނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ވަގުތުގެ އިތުރުން އިންތިހާބު ނިމުމަށްފަހު ވެސް އެ ޕާޓީގެ މެންބަރުންނާއި ތަކެއްޗަށް އެކި ފަރާތްތަކުން ގެއްލުން ދެމުންދާ ކަމަށެވެ.
އެގޮތުން އިންތިހާބު ކުރިއަށް ދިޔަ ވަގުތު މަރަދޫ ދާއިރާގެ މެންބަރުގެ އިތުރުން ފޭދޫ ދާއިރާގެ މެންބަރަށް ބަޔަކު ބޮޑެތި އަނިޔާ ތަކެއްދީފައިވާ ކަމަށާއި އަދި އިންތިހާބަށް ފަހު ވެސް ދ. ކުޑަހުވަދޫ، ގއ. ކޮލަމާފުށީގައި ހުންނަ އެ ޕާޓީގެ އޮފީސްތަކަށާއި ބައެއް ރަށްރަށުގައި ހުރި ކެމްޕެއިން ޕޯސްޓަރު އަދި ބިލްބޯޑު ފަދަ ތަކެއްޗަށް ގެއްލުން ދެމުންދާ ކަމަށް ބަޔާނުގައި ވެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ކާމިޔާބީ ފާހަގަކުރުމުގެ ތެރޭގައި މިފަދަ އަމަލުތައް ހިންގުމަކީ ޑިމޮކްރެޓިކް އުސޫލަތަކާ ބީރަށްޓެހި ވަރަށް ނާތަހުޒީބު ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި ފާހަގަ ކުރަމުން އެމްޑީޕީން ވަނީ އެކަން ކުށްވެރި ކޮށްފައެވެ. އަދި އެ އަމަލުތައް ހިންގާ ފަރާތްތައް ހޯދާ އެކަންކަން ތަކުރާރުވިޔަ ނުދިނުމަށް ދިވެހި ފުލުހުންނަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.
"ކެމްޕެއިން ތެރޭގައިވެސް އަދި އިންތިހާބަށްފަހުވެސް ޒިންމާދާރު ސިޔާސީ ޕާޓީއަކުން އަމަލުކުރަންވާނީ ސުލްހަވެރިކަމާއި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން އިންތިހާބުން ނިކުންނަ ނަތީޖާއަށް އިހްތިރާމްކުރުމާއެކު އެ ޕާޓީން ހިންގާ ހަރަކާތްތައް ހިންގުމަށެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
އިންތިހާބު ކުރިއަށް ދިޔަ ވަގުތު ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފައި ވަނީ މެންހެޓަން ބިޒްނަސް ހޮޓަލުގެ ތެރޭގައެވެ. އެ ހަމަލާގެ ސަަބަބުން ޝަރީފްގެ އެއް ލޯ މަތި ދުޅަވެ ނޭފަތްމަތި ހަލާކުވެ ލޭ އައިސްފައިވެއެވެ. އަދި ހަަމައެހެންމެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ހަމަލާދީފައިވާއިރު އޭނާއަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދަނިކޮށެވެ. މީގެ އިތުރުންވެސް ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ބަޔަކު ވަދެ އެ ޕާޓީގެ އޮފިޝަލުންނަށް ވެސް ވަނީ ބިރު ދައްކާފައި ވެއެެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ އެއް ވީޑިއޯއިން ފެންނަގޮތުގައި އެމްޑީޕީގެ ޕޯސްޓަރު އިރާލާ މަންޒަރު ފެންނަމުންދެއެވެ. އަދި އެކަން ކުރަމުންދަނީ ޕީޕީއެމްގެ ކެމްޕެއިން ޓީޝާޓު ލައިގެން ތިބި ބަޔަކުއެވެ. އަދި އަނެއް ވީޑިއޯގައި އެމްޑީޕީއާއެކު އިންތިހާބުގައި ކޯލިޝަން ހެދި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓްރު އިމްރާން އަބްދުﷲ ގެ ޕޯސްޓަރެއްގައި ފަންތޮށި ގަނޑަކުން ތަޅާ މަންޒަރު ފެންނަމުންދެއެވެ.
ސޯޝަލް މީޑިއާގައި ގިނަބަޔަކު މި އަމަލުތައް ކުށްވެރި ކޮށް މިފަދަ އަމަލުތައް ނުހިންގުމަށް ދަނީ ގޮވާލަމުންނެވެ. އަދި މިހާ ހޭލުންތެރި އަދި ތައުލީމީ މުޖުތަމައެއްގައި ޒަމާނީ ޑިމޮކްރެޓިކް ނިޒާމެއް ހިނގަމުންދާއިރު ފެނިގެންނުވާނެ މަންޒަރުތައް ފެންނަމުން ދިއުމަކީ ހައިރާންވާކަމެއް ކަމަށްވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.