މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، އެންވާރަމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށް މުޅި އިދާރާގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވަނީ ސިޔާސީ ނުފޫޒު ފޯރުވުމުގެ މަގުސަދުގައި ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އީޕީއޭގެ ނަން އެންވާރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ބަދަލުކޮށްފައިވާއިރު، މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ޕާޓީން ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާ ބެހޭ ގަވައިދު ސިޔާސީ ބޭނުމަށް ބަދަލުކުރުމާއި މުޅި އިދާރާގެ އޮނިގަނޑު ބަދަލުކުރުމަކީ އެމްޑީޕީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ޑިމޮކްރަސީގެ ހަމަތަކާ ނުބައްދަލު ކަންކަން ކުރުން ހުއްޓާލުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށެވެ.

އަދި އީޕީއޭ އަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތިމާވެށީގެ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް އުފެއްދި މުއައްސަސާއެއް ކަމަށާއި، އެކި ވެރިކަމުގައި އީޕީއޭގެ މަސައްކަތް މިނިވަން ކަމާއެކު ކުރެވޭނެ މާހައުލު ފަހި ކޮށްދީފައިވީ ނަމަވެސް މި ސަރުކާރުން ވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ މަގުސަދު ގެއްލޭ ގޮތަށް ކުއްލި ގޮތަކަށް އިދާރީ އޮނިގަނޑު ބަދަލުކޮށްފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

މިއީ ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ނުދޭ ކަން ހާމަވާ ކަމެއް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ޖަވާބުދާރީ ކުރުވުމަށް ކަނޑައަޅާފައިވާ މުއައްސަސާތަކުގެ ބާރުވެސް ހަނިކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި ތިމާވެށި ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާގެ ބާރު މައި ސަރުކާރަށް ނެގުމަކީ މި ސަރުކާރުގެ ހުދުމުހުތާރުކަމަށް އިތުރުވާ ބޮޅެއް
އެމްޑީޕީ

މީގެއިތުރުން އެމްޑީޕީން ވަނީ މި މަހުގެ 12 ވަނަ ދުވަހު އީއައިއޭގެ ގަވައިދަށް ގެނެވިފައިވާ އިސްލާހުތަކުގެ ސަބަބުން އެ އިދާރާގެ ޕްރޮސެސްގެ ކްރެޑިބިލިޓީ އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެފައެވެ. އަދި މިއީ ފާއިތުވި 12 އަހަރު ތެރޭ މި ގަވައިދަށް ގެނެވުނު އެންމެ ނުރަނގަޅު އިސްލާހު ކަމުގައިވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ދޭތެރެއިން އީޕީއޭ އުވާލަން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ނަމަވެސް ރައީސް އޮފީހުން ބުނީ އީޕީއޭ އުވާލަނީ ނޫން ކަމަށާއި އީޕީއޭގެ ނަން ބަދަލުކޮށް، އިދާރީ ހިންގުމުގެ ގަވާއިދުތަކަށް ބަދަލު ގެންނަން ނިންމީ އީޕީއޭއިން މިހާތަނަށް ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށްޓާބެހޭ ކަންކަން ރެގިއުލޭޓްކުރުމާ ގުޅުންހުރި މަސައްކަތްތަކަކަށް ވުމާއެކު، އެ އިދާރާއިން ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ހަލުވިކުރުމުގެ މަގުސަދުގައި ކަމަށެވެ.

އަދި އީޕީއޭގެ ނަން ބަދަލުކޮށްފައިވަނީ އެ އިދާރާއިން ކުރަމުންގެންދާ މައިގަނޑު މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.