ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާއި ގުޅޭ ބިލާ ދެކޮޅަށް 33 ކައުންސިލް އިދާރާއަކުން ބަޔާން ނެރެފިއެވެ.
މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާ ބަޔާން ނެރުނު ކައުންސިލް ތަކަކީ:
- އއ. މަތިވެރި
- ބ. ކެންދޫ
- މާލެއަތޮޅު އަތޮޅު ކައުންސިލް
- ކ. ކާށިދޫ
- އއ. ފެރިދޫ
- މ. ކޮޅުފުށި
- ތ. ވަންދޫ
- ށ. ފޭދޫ
- ހދ. ހަނިމާދޫ
- ކ. ގުޅި
- ކ. ދިއްފުށި
- ހއ. މާރަންދޫ
- ޅ. ހިންނަވަރު
- ހދ. ކުމުންދޫ
- ގދ. ހޯޑެއްދޫ
- އއ. މާޅޮސް
- އއ. ހިމަންދޫ
- ކ. މާފުށި
- ހދ. ނެއްލައިދޫ
- މ. ދިއްގަރު
- ގދ. ފިޔޯރީ
- ފުވައްމުލަކު ސިޓީ ކައުންސިލް
- ހއ. ހޯރަފުށި
- އއ. ތޮއްޑޫ
- ގދ. ގައްދޫ
- ބ. ގޮއަިދޫ
- ގއ. ކޮލަމާފުށި
- ށ. ފޯކައިދޫ
- އއ. އުކުޅަސް
- އއ. ބޮޑުފުޅަދޫ
- ހައްދުންމަތީ ގަމު ކައުންސިލް
- ކުޅުއްދުްފުށި ސިޓީ ކައުންސިލް
- ނ. ކެނދިކުޅު
އެގޮތުން މި ބިލާއެކު ކައުންސިލް ތަކުގެ މާލީ ބާރުވެރިކަމާއި، އިދާރީ ބާރުވެރިކަމުގެ އިތުރުން އިހުތިސާސްގެ ބާރުވެރިކަން ކައުންސިލުތަކަށް ގެއްލިގެންދާނެ ކަމަށާއި، 5 އަހަރު ދުވަހަށް އިންތިހާބު ކޮށްފައިވާ ކައުންސިލްތައް 1 އަހަރު ދުވަހުގެ މުއްދަތަކަށް ޕްރެލައިޒްވެގެންދާނެ ކަމަށް އއ. މަތިވެރި ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ކައުންސިލުގެ ދައުރުން 1 އަހަރު އެއްވެސް ކަމެއް ނުކުރެވޭ ގޮތް ހަދާ، ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބިންތަކަށް ގޮތް ނިންމުމުގެ އިހުތިޔާރު ނިގުޅައިގަނެ، އަދި 10 މިލިއަނަށްވުރެ ކުދި އެއްވެސް ވިޔަފާރިއެއް ނުހިންގޭ ގޮތަށް އޮތުމަކީ ރައްޔިތުންނަށް ކުރާ ފުރައްސާރައެއް ކަމުގައި ބ. ކެންދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައެވެ. އެއާއެކު ކައުންސިލް ތަކުން ވަނީ މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަންވާނެއެވެ. އެއީ އެ މަސައްކަތަކީ ލޯކަލް އޮތޯރިޓީ ކުންފުނި ނިސްބަތްވާ ރަށުގައި އަމިއްލަ ފަރާތްތަކުން ކުރަމުންދާ އިގްތިސޯދީ މަސައްކަތެއް ކަމުގައި ނުވުމާއި އެ މަސައްކަތަކީ ރަށުގެ އުމްރާނީ ތަރައްގީއަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމުގައިވުމުގެ އިތުރުން އެ މަސައްކަތުގެ އިންވެސްޓްމެންޓް 10،000،000 ރުފިޔާއަށްވުރެ ބޮޑުވުމެވެ.
ކައުންސިލުތަކުން ހުޅުވާފައިވާ ބޭންކް އެކައުންޓުތައް ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށާއި އަދި އެ މިނިސްޓްރީއިން އެދިއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓްތައް ދޭންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކައުންސިލުގެ ދައުރު ހަމަވާން ބާކީ އޮތީ އެއް އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް އޮތް ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށޭނީ ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލަށް ހިޔާލު ހުށަހެޅުމަށް މަޖިލީހުން ހުޅުވާލާފައިވަނީ އޮގަސްޓު 4 ވަނަ ދުވަހުގެ ހަވީރު ހައެއް ޖެހިއިރުއެވެ. އަދި ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ އިއްޔެ މެންދުރު އެކެއް ޖެހިއިރުއެވެ. ނަމަވެސް މިކަމާ ދެކޮޅަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއެއްގައި ވަނީ ގާނޫނަށް ބަދަލެއް ގެންނަ ނަމަ އެ ކަން ކުރަން ވާނީ ފުޅާދާއިރާއެއްގައި ހިންގާ މަޝްވަރާތަކަކަށް ފަހު ކަމުގައި ބުނެފައެވެ. އެއާއެކު ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލާފައެވެ.