ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުން ރަސްމާލޭގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެލުމަށް އެ ސަރަހައްދަށް ހިނގައްޖެއެވެ.

މާލޭ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18 ގައެވެ. އަދި އެ މަސައްކަތް ފެށީ 8 މަސް ދުވަހުން ނިންމާ ގޮތަށެވެ.

ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން ފުރަތަމަ އެ މަޝްރޫއު ފަށާފައި ވަނީ ދައުލަތުން ހަރަދެއް ކުރަން ނުޖެހޭގޮތަށެވެ. އޭގެ ބަދަލުގައި ސީއެމްސީއަށް އެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭންޖެހޭ ގޮތަށް އެއްބަސްވެގެންނެވެ.

އެކަމަކު ފަހުން އެ އެއްބަސްވުން ސަރުކާރުން ބާތިލުކުރީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނި ނަމަވެސް 8 މަހުން އެ ކުންފުންޏަށް ހިއްކުނީ 29 ހެކްޓަރެވެ. އޭގެ ތެރެއިން 10 ހެކްޓަރު އެމްޓީސީސީން ހިއްކިއިރު އެމްޓީސީސީ އާއި ސީއެމްސީއާ ދެމެދު އެކުލަވާލި އެއްބަސްވުމާ އެއްގޮތަށް ސީއެމްސީން އެއްވެސް ފައިސާއެއް ނުދައްކައެވެ.

ރަސްމާލެ މަސައްކަތް މިހާރު ކުރަމުންދަނީ އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސް (އެމްއެމްއީ) އަދި ޗައިނާގެ ރެއިލްވޭ ކޮންސްޓްރަކްޝަން ކޯޕަރޭޝަން (ސީއާރުސީސީ) އިންނެވެ. މި މަޝްރޫއު ކުރިއަށްދާ ގޮތުގެ ތަފްސީލު ބެލުމަށް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ވަނީ އެތަނަށް ގޮސްފައެވެ.

ރަސްމާލޭގައި ހުންނަވާ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ރަސްމާލެ އަށް ދާން ޖެހުނީ އެ ތަނުގެ ތަރައްގީއާ ބެހޭ މައުލޫމާތު ހޯދަން މަޖިލީހުގެ ތެރެއިން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ސަރުކާރުން ބުނާ ސްޕީޑުގައި މަސައްކަތް ކުރިއަށް ގެންދޭތޯ ޔަގީން ކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.

ރަސްމާލޭގައި ހުންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިންޓަވިއު ދެއްވަނީ

އަދި މިހާ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މިފަދަ މަޝްރޫއުތަކުގެ މައުލޫމާތު މަޖިލިސް މެމްބަރުންނަށް ސާފުވާން ޖެހޭ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ހަދާ ރަސްމާލޭގެ ހިއްކުނީ އަދި އެންމެ ސަތޭކައެއްހާ ހެކްޓަރު ބިންކަން ފާހަގަކޮށް މައުރޫފް ވިދާޅުވީ އެ ތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރަ އާއި އިނާޔަތްތައް ނުދޭކަން ވެސް ސައިޓުގައި ތިބި މީހުންނާ ސުވާލުކުރުމުން އެނގިގެންދިޔަ ކަމަށެވެ.

މީގެ އިތުރުން ވެސް މި މަޝްރޫއަށް ފައިނޭންސް ކުރަނީ ކިހިނެއްކަން ސާފުކޮށްދީފައި ނުވާ ކަމަށާއި ސަރުކާރުން ބުނި ތާރީހުތަކަށް މަސައްކަތް ނުނިންމޭ ކަމަށް ބުނެ އިދިކޮޅު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ވަރަށް ވުރެ ސްޕީޑު އަވަސް ކޮށްގެން ނޫނީ މި ސަރުކާރުގެ ބާކީ އޮތް މުއްދަތުގައި ރަސްމާލޭގައި މީހުން އާބާދު ނުކުރެވޭނެ ކަމަށް ވެސް މެންބަރުން ބުންޏެވެ.

"އަޅުގަނޑުމެންގެ މި ދަތުރާ ގުޅިގެން މި އަށް ވުރެ އަދި ސްޕީޑު ބާރުކުރާނެ. އެހެންޏާ އެ ކަންކަން ވޭ، އިންތިހާބު ކައިރި ވީމާ އަވަސްވޭ ނޫނީ އަޅުގަނޑުމެން ޕްރޮޖެކްޓެއް ނުހިނގާ ވާހަކަ ކީމަ،"
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ)

ފުށިދިއްގަރު ފަޅަކީ ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ސަރަހައްދެކެވެ. އެ ފަޅުން 1153 ހެކްޓަރު ހިއްކަން ނިންމާފައި ވާއިރު މި މަޝްރޫއުގެ ފުރަތަމަ ހިއްކާ 29 ހެކްޓަރު ބޭނުންކުރާނީ މަޝްރޫއުގެ ބޮޑެތި ފިޔަވަހިތައް ނިންމުމަށް ބޭސްއެއްގެ ގޮތުގައެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީ ކުރާނީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށެވެ. ބިމުގެ ބޮޑު މިނަށް ބަލާ ނަމަ މިއީ، ހުޅުމާލެ ފޭސް 2 ހިމެނޭހެން ހުޅުމާލޭގެ ތިން ގުނަ ބޮޑު ސިޓީއެކެވެ.