އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮޮކްރެޓުން ބައިވެރިވާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ ކަން އެ ޕާޓީގެ ފަރާތުން ހާމަކުރެއްވީ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފެވެ.

'ދަ ޕްރެސް' އިން ސުވާލުކުރުމުން ހަސަން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ އެކީ މަޝްވަރާތައް ފަށާނެ ކަމަށާއި، ޑިމޮކްރެޓުން އަލަށް އިންތިހާބުވި ސަރުކާރުގައި ހިއްސާވާނެ ކަން އެނގޭނީ މަޝްވަރާތައް ފެށުމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދާ ސުވާލުކުރުމުން ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސަރުކާރުގައި ޑިމޮކްރެޓުންގެ ފަރާތުން ބައިވެރިވާނެ ކަން އެ ކޯލިޝަނަށް ރަސްމީ ކޮށް އަދި ނޭނގޭ ކަމަށެވެ.

ދާދިފަހުން ނިމުނު ރިޔާސީ އިންތިހާބުގައި މާލޭގެ މޭޔަރުކަން ކުރައްވާ މުއިއްޒު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަލިކުރެއްވީ 19 ހާހެއްހާ ވޯޓުގެ ތަފާތުންނެވެ. މުއިއްޒަށް 129،159 ވޯޓު ލިބުނުއިރު ރައީސަށް ލިބުނީ 109،868 ވޯޓެވެ.

މީގެ ކުރިން ވެސް ދެވަނަ ބުރުގައި އެއްކޮށް މަސައްކަތްކުރުމާ މެދު ޑިމޮކްރެޓުންނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ ދެމެދު ވާހަކަ ދެކެވުނެވެ. ނަމަވެސް ޑިމޮކްރެޓުންގެ ޝަރުތުތަކަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިތުރުން ދެން މަޝްވަރާކުރެވުނު އެމްޑީޕީން ވެސް އެއްބަސްނުވުމުން، ޑިމޮކްރެޓުން ނިންމީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.