ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު 2026 ގައި 'ދަ ޑިމޮކްރެޓްސް' ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިމޮކްރެޓްސް އިން ބުނީ، އެ ޕާޓީގެ އިންޓެރިމް ކޮމިޓީން ވަނީ އީސީއާ ބައްދަލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ޕާޓީގެ އިދާރާއިން ކުރަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ހޯދާ އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
މި އިންތިހާބުގެ އެޕްލިކޭޝަން ހުށަހެޅުމަށް އީސީއިން ގާއިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލް އިން ފޯމް ހުށަހަޅަން ވަންނަ ފަރާތްތަކުން އީފާސް މެދުވެރިކޮށް ލޮގިން ވާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. އައިޑީ ކާޑު، ފޮޓޯ އަދި ކްރިމިނަލް / ދަރަނި ކްލިއަރަންސް ރިޕޯޓް އެ ޕޯޓަލް އަށް އަޕްލޯޑް ކުރަން ޖެހޭނެ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާ އެޕްލިކޭޝަންގައި ޑިމޮކްރެޓްސް ޕާޓީ އިހްތިޔާރު ކުރުމުންއެ ކެންޑިޑޭޓަކު އެންޑޯސް ކޮށްދޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
އެޕްލިކޭޝަން ފޯމް ހުށަހަޅާ އިރު، ކޮންމެ ކެންޑިޑޭޓަކު ވެސް އީސީއަށް 1500 ރުފިޔާ އޮންލައިންކޯށް ދައްކަން ޖެހޭނެ ކަމަށާއި އެ ފީ އަކީ ރިފަންޑް ނުކުރެވޭނެ ފީ އެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. އަދި ޕާޓީގައި ނުހިމެނޭ މެންބަރެއް ޑިމޮކްރެޓްގެ ޓިކެޓްގައި ކުރިމަތިލާން ބޭނުންވާ ނަމަ 50 މެންބަރުންގެ ތާއީދު ބޭނުންވާނެ ކަމަށް ވެސް ޑިމޮކްރެޓްސް އިން ބުނެއެވެ. މި ތާއީދު ދޭ ފަރާތްތަކުން އަމިއްލަ އީފާސް ލޮގްއިން އޮންލައިންކޮށް އެ ތާއީދު ދެވޭނެ ކަަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ.
ފޯމް ހުށަހަޅާ އިރު އެއް ގޮނޑިއަށް އެއް މެންބަރަށް ވުރެ ގިނަ މެންބަރުން ކުރިމަތިލާ ނަމަ ޕާޓީ ތެރޭގައި ޕްރައިމަރީއަކުން ކެނޑިޑަސީ ކަނޑައަޅާނެ ކަމަށް އެ ޕާޓީން ބުނެއެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިނތިހާބުގައި ވާދަކުރުމުގެ ފުރުސަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ނަމަ މި ލިންކް މެދުވެރިކޮށް މައުލޫމާތު ލިބޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.
