ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގަތުމަށްފަހު، އިދިކޮޅު އެމްޑީޕީއަށް ސޮއިކުރެއްވި މައްސަލައިގައި ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ސަސްޕެންޑް ކޮށްފިއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މި ފިޔަވަޅު އަޅާފައިވަނީ އިއްޔެ އެ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއަކުންނެވެ. އެލްޖީއޭގެ ސިޓީގައި ބުނެފައި ވަނީ، އެ އޮތޯރިޓީގެ ބޯޑުން ވަކި ގޮތެއް ނިންމައި އަންގަންދެން، ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތަކުން ޝުޖާއު އެކަހެރިކޮށް، ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާ ކަމަށެވެ. އަދި ވަގުތީގޮތުން ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ނައިބު ރައީސް ސާމިރު ހަވާލުވުމަށް ވެސް ވަނީ އަންގާފައެވެ.
ޝުޖާއު އަކީ ނިމިދިޔަ ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސްއަށް ކާމިޔާބުވި މަދު ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއް ކާމިޔާބު ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް ޕާޓީގައި ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވާތީ، މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވާލާފައެވެ.
އެލްޖީއޭއަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މައުލޫމާތަށް ބަލާއިރު، ޝުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދަފްތަރުވެފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އާ އިސްލާހުގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ ކައުންސިލަރަކު، އެ ދައުރުގެ ތެރޭގައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، އެ މީހެއްގެ ގޮނޑި ގެއްލޭނެއެވެ. ޝުޖާއުގެ މައްސަލައިގައި މި ފިޔަވަޅު އަޅާފައިވާއިރު، އެމްޑީޕީގެ ޓިކެޓުގައި ހޮވުނު ބައެއް ކައުންސިލަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވެފައިވީ ނަމަވެސް، އެއިން އެއްވެސް ފަރާތަކާ މެދު މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ޝުޖާއު އަލީއަކީ މީގެ ކުރިން ވ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
