ގދ ވާދޫގައި ބެހެއްޓި ވޯޓު ފޮށްޓެއް ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށެވެ. އަދި އޭނާގެ ބަންދަށް 60 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވާދޫގައި ބަހައްޓާފައި ހުރި އެ ވޯޓު ފޮށި ފަޅާލާފައި ވަނީ ވޯޓު ފޮށި ބަންދުކޮށްފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ރުޅިއައިސްފައި ވަނީ އައިޑީކާޑު ނެތުމުގެ ސަބަބުން ވޯޓު ނުލެވިގެންނެވެ.

ރިޔާސީ އިންތިހާބާ ގުޅުންހުރި އެކި މައްސަލަތަކުގައި މިއަދު އެކި ފަހަރު މަތިން 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. ފުލުހުން ބުނީ، އިންތިހާބު ކުރިއަށް ދިޔަ ވަގުތު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި އާންމުކުރި 19 މީހަކު ހައްޔަރުކުރި ކަމަށާއި އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މިވަގުތު ހައްޔަރުގައި ހުރީ ވާދޫ ގައި ވޯޓު ފޮށި ފަޅާލި މީހާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ކަރުދާސް އާންމުކުރުމުގެ އިތުރުން، ކުރަހާފައިވާ ކަރުދާހެއް ދޫކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން އިންތިހާބު ކުރިއަށް ދިޔަ ވަގުތު ބަޔަކު ފައިސާ ބަހަމުން ދިޔަ ކަމަށް ސޯޝަލް މީޑިއާގައި ވެއެވެ