ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު ފައިސާ ހިފައިން އުޅުނު ކަމުގެ 2 މައްސަލައެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ ދެވަނަބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރި ވަމުން ދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އަދި އެ މައްސަލަ ފުލުހުންގެ ފަރާތުން އޭސީސީއަށް ހުށަހަޅާފައި ވުމުން އިތުރަށް އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. "ފައިސާއާ އެކު ހަރަކާތްތެރިވަމުން ދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުންގެ ފަރާތުން ވަނީ އޭސީސީއަށް ހުށަހަޅާފައި. އޭސީސީން މިހާރު މިގެންދަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުން." އޭސީސީން ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ ރިޝްވަތުގެ އިތުރު މައްސަލައެއް އިލެކްޝަންސް ކޮމިޝަނުގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އިންތިހާބު ކުރިއަށް ދިޔަ ވަގުތު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި އާންމުކުރި 19 މީހަކު އިއްޔެ ފުލުހުން ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް އެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.
އިންތިހާބުގެ ކުރިންނާއި އިންތިހާބު ކުރިއަށް ދިޔަ ވަގުތުގައި އެމްޑީޕީން ރިޝްވަތުގެ ފައިސާ ބަހަމުންދާ ކަމަށް އެކި ފަރާތްތަކުން ދިޔައީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެކަން ސަރުކާރުން ވަނީ ދޮގު ކޮށްފައެވެ.
އެމްޑީޕީ އަކުންނޫން ފައިސާ ބެހީ އަދި އައިޑީކާޑް ގަތީ މީލޯމަތިން ހިނގި ކަންކަން މިރާއްޖެ ތަންތަން ރޯކުރީވެސ ބުނެއެއްނުނެ އެމްޑީޕީނޭ ފުލުހުންނަށވެސް އެނގޭ ދޮގުކަން އެއީ ދޮގުހަދާ މިއަދު އުޅެވިދާނެ މާދަމާޖަވާބު ދާރީވާންޖެހޭނެ