މިއަދު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒުއަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ މިހާރުގެ ރައީސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައެވެ.

ވޯޓުލުމަށް ޖުމްލަ 586 ފޮށިބެހެއްޓި އިރު މިހާތަނަށް އެއް ވޯޓު ފޮށީގެ ނަތީޖާ ފިޔަވާ ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވަނީ ގުނާ ނިމިފައެވެ. އެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު މުއިއްޒަށް 127،927 ވޯޓު ލިބިވަޑައިގެންފައި ވާއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،261 ވޯޓެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާއިރު ނައިބު ރައީސްއަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު، ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ. މުއިއްޒަކީ ފެހި ރާއްޖޭގެ 8 ވަނަ ރައީސުލްޖުމްހޫރިއްޔާއަށް ވާއިރު މުއިއްޒަކީ ފެހި ގާނޫނު އަސާސީ ވުޖޫދުވި ފަހުން ދެވަނަ ރާއްޖެ ތެރޭގެ ރައީސްވެސް މެއެވެ.

ފުރަތަމަ ބުރުގައި އަށް ކެންޑިޑޭޓުންނާއި ވާދަކުރައްވާ އެއް ލައްކައަށް ވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވިއިރު އެއީ އެ އިންތިހާބުގެ 46 ޕަސެންޓެވެ. މި މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ އަށް ކެންޑިޑޭޓުންނާއެކުއެވެ. އެއްވެސް ކެންޑިޑޭޓަކަށް އެ ބުރުގައި 50 ޕަސެންޓް ލިބިވަޑައިގެންފައިނުވާއިރު ދެވަނަ ބުރުގައި މި ވާދަކުރެއްވީ އެ ބުރުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ދެ ކެންޑިޑޭޓުންނެވެ.

ފުރަތަމަ ބުރުގައި ޕަސެންޓާއެކު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއިރު ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.05 ޕަސެންޓާއެކު 86،161 ވޯޓެވެ.