ވޯޓު ކަރުދާސް އާންމުކޮށް ދައްކައި ކަރުދާހުގެ ފޮޓޯ ނެގި 19 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިހާބާ ގުޅުންހުރި އެކި މައްސަލަތަކުގައި މިއަދު އެކި ފަހަރު މަތިން 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ވޯޓު ފޮށްޓެއް ފަޅާލި މީހަކު ވެސް ހިމެނެއެވެ.

ފުލުހުން ބުނީ، އިންތިހާބު ކުރިއަށް ދިޔަ ވަގުތު ވޯޓު ކަރުދާހުގެ ފޮޓޯ ނަގައި އާންމުކުރި 19 މީހަކު ހައްޔަރުކުރި ކަމަށާއި އެ އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. މިވަގުތު ހައްޔަރުގައި ހުރީ ގދ. ވާދޫ ގައި ވޯޓު ފޮށި ފަޅާލި މީހާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ކަރުދާސް އާންމުކުރުމުގެ އިތުރުން، ކުރަހާފައިވާ ކަރުދާހެއް ދޫކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން އިންތިހާބު ކުރިއަށް ދިޔަ ވަގުތު ބަޔަކު ފައިސާ ބަހަމުން ދިޔަ ކަމަށް ސޯޝަލް މީޑިއާގައި ވެއެވެ

ފުލުހުން ތިބީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އާންމުންގެ ރައްކާތެރި ކަމަށް ތައްޔާރުވެގެން ކަމަށާއި، އިންތިހާބަކީ އޮމާން އިންތިހާބަކަށް ހެދުމަށް އާންމުންގެ އެއްބާރުލުން މުހިންމުކަމަށް ފުލުހުން ބުންޏެވެ. އަދި އިންތިހާބުގެ އަމާންކަމާއި ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.