ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ މި ދަނޑިވަޅުގައި މާލެ ތެރެ ހަލަބޮލިވުމާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުންދާ ކަމަށެވެ. މިފަދަ ގުރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރު ދެއްކުމުގެ އިތުރުން އިންތިހާބާ ގުޅުން ހުރި މަސައްކަތް ކުރަމުންދާ ބައެއް ފަރާތްތަކަށް ހަމަލާދިނުން ފަދަ މައްސަލަތައް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްއް އިތުރަށް ވަރުގަދަ ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މިގޮތަށް ބުނެފައިވާއިރު މިއަދު މެންދުރުގެ ވަގުތެއްގައި ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެމްޑީޕީގެ ޖަގަހައަށް ބަޔަކު ވަދެ އެ ޕާޓީގެ އޮފިޝަލުންނަށް ވަނީ ބިރު ދައްކާަފައެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނަށް ހަމަލާދީފައިވެސް ވެއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ބަޔަކު ހަމަލާދީފައި ވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފްގެ އެއް ލޯ މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. އަދި ނޭފަތްމަތިން ވަނީ ހަލާކުވެ، ލޭ ވެސް އައިސްފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ މެންހެޓަން ބިޒްނަސް ހޮޓަލްގެ ތެރޭގައި ޝަރީފަށް ބަޔަކު ހަމަލާދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އަދި ހަމައެހެންމެ މަޖިލީހުގެ ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ނިހާދަށް ހަމަލާ ދީފައިވަނީ ވޯޓުލުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރި ވަމުން ދަނިކޮށެވެ.
ރިޔާސީ އިންތިހާބުގެ ކަންތައްތައް އަމާންކަމާ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް "އޮޕަރޭޝަން ބްލޫ ވޭވްސް" ގެ ނަމުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު ފުލުހުން ތިބީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އާންމުންގެ ރައްކާތެރި ކަމަށް ތައްޔާރުވެގެން ކަމަށް ފުލުހުން ބުނެއެވެ. އަދި އިންތިހާބަކީ އޮމާން އިންތިހާބަކަށް ހެދުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.