ރިޔާސީ އިންތިހާބާ ގުޅުންހުރި ކަންކަމާ ގުޅިގެން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރިޔާސީ އިންތިހާބުގެ ކަންތައްތައް އަމާންކަމާ ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް "އޮޕަރޭޝަން ބްލޫ ވޭވްސް" ގެ ނަމުގައި ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނުގެ އެންމެ ފަހުގެ އަޕްޑޭޓު ދެމުން ބުނީ، ކަރުދާސް ދެއްކުމާއި ވޯޓު ކަރުދާސް ފޮޓޯ ނެގުމާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން 7 މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދޫކޮށްލި މީހެއްގެ ތެރޭގައި ފުވައްމުލައް ސިޓީގައި ވޯޓު ކަރުދާސް ކޮޅު ފޮޓޯ ނެގި މައްސަލައިގައި ހައްޔަރުކުރި މީހެއް ހިމެނެއެވެ.

ފުލުހުންގެ ބެލުމުގެ ދަަށަށް މިއަދު 10 މީހުން ގެންދިޔައިރު ލ. ފޮނަދޫ ވޯޓުލާ މަރުކަޒަކުން ކުރަހާފައިވާ ކަރުދާހެއް ދޫކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލާގައި ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

ފުލުހުން ތިބީ އިންތިހާބުގެ ސަލާމަތީ ކަންކަމާއި އާންމުންގެ ރައްކާތެރި ކަމަށް ތައްޔާރުވެގެން ކަމަށާއި އިންތިހާބަކީ އޮމާން އިންތިހާބަކަށް ހެދުމަށް އާންމުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންތިހާބާ ގުޅިގެން ޗީފް ކޮމާންޑަރު އަހުމަދު ޝާކިރު ދެއްވި މެސެޖުގައިވަނީ ވޯޓުލާން ބޭނުންވާ ތަކެތި ފިޔަވައި އެހެންތަކެތި ވޯޓުލާ ސަރަހައްދަށް ނުވެއްދުމަށް އިލްތިމާސްކޮށްފައެވެ.

އަދި ވޯޓުލާންދާ އިރު ހުއްޓެން ޖެހޭ ކިޔު ޔަގީން ކުރުމާއި ވޯޓް ލުމަށް ފަހު ވޯޓުލާ ސަރަހައްދުގައި މަޑުނުކޮށް ދިއުމުގެ އިތުރުން އަމާންކަމާއި ސަލާމަތަށް ބުރޫއަރާނެ ފަދަ އެއްވެސް ކަމެއް ނުުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.