މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު ލ. ފޮނަދޫ ވޯޓުލާ މަރުކަޒަކުން ކުރުހާފައިވާ ކަރުދާހެއް ދޫކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާ ވީޑިއޯއެއް ހިއްސާކުރައްވާ އެ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއްވަނީ ފެންމަތިވެފައި ކަމަށެވެ. އަދި އެ 3 ކަރުދާސް ދޫކޮށްފައިވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ޔަގީންވާ މީހުންނަށް ކަމަށް ސިރާޖު ވިދާޅުވިއެވެ.

ސިރާޖު ވަނީ ވޯޓު ބާތިލުކުރަން އެފަދަ ކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ބުނީ އެ މައްސަލަ ފާހަގަވެގެން އެކަން އީސީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި އެ ޝަކުވާ ހުށަހެޅުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ބުނީ ލ. ފޮނަދޫގައި ވޯޓުލާ މަރުކަޒުގެ އޮފިޝަލަކު ވޯޓު ކަރުދާހުގައި ކުރަހާފައި ދޭކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.