މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް އެމްޑީޕީއިން ކަނޑައަޅާފައިވާ ބަޖެޓުކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް ލިސްޓެއް ކަމަށް އެ ޕާޓީއިން ބުނެފިއެވެ.
އެމްޑީޕީއިން ބުނީ ދިވެހިރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި އެމްޑީޕީއިން ބައިވެރިވެ ހޯދާފައިވާ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެ ޕާޓީގެ ހީވާގި ގައުމީ މަޖިލިސްގެ މެންބަރުންނާއި އެ ޕާޓީގެ ލޮބުވެތި މެންބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ހިޔާލާ އެކު އެކުލަވާލާ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހެޅުން ކަމަށެވެ.
އެ ޕާޓީއިން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް، އަދި އެންޓި ކެމްޕެއިން ކުރުމުގެ މަގުސަދުގައި ބަޔަކު ދަައުރު ކުރަމުން ދާ ލިސްޓެއް ކަމަށް އެމްޑީޕީ ބުނެއެވެ.
އެމްޑީޕީއިން އިތުރަށް ބުނީ އެ ޕާޓީއިން ވާދަކުރާ ކޮންމެ އިންތިހާބެއްގައި ވެސް ކެމްޕެއިންނަށް ކުރާ ހަރަދުތަކަކީ އެ އިންތިހާބަކާ ބެހޭ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކުރެވޭ ހަރަދުތަކެއް ކަމަށެވެ. އަދި އެކަން ކޮންމެ އިންތިހާބެއް ނިމި ގާނޫނުގައި ބަޔާންކުރާ މުއްދަތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން ސާބިތުވާން ހުންނާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓުލުން މިހާރު ފެށިގެން ކުރިއަށްދާއިރު ވޯޓުލުމުގެ ސުންގަނޑިއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިއަދު ހަވީރު 5:00 އެވެ.