މިއަދު ބާއްވާމުންދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކަންކަމާއި އިންތިހާބަށްފަހު ހިނގާފާނެ ހުރިހާ ކަމަކަށް ފުލުހުން ތިބީ ތައްޔާރުވެ ކަމަށް ފުލުހުންގެ ބުލޫ ވޭވް އޮޕަރޭޝަނުން ބުނެފިއެވެ.
އެ އޮޕަރޭޝަނުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު 4 އިން ފެށިގެން މުޅި ފުލުހުންގެ ހިދުމަތް ވަނީ އެލާޓް ސްޓޭޓަސްގެ އެންމެ މެތީ ދަރަޖައަަށް އުފުލިފައި ކަމަށާއި އެހެންކަމުން ފުލުހުން ތިބީ އިންތިހާބުގެ ހުރިހާ ކަމަކަށް ފުރިހަމައަށް ތައްޔާރުވެ، ވޯޓުލުމުގެ މަރުހަލާއާއި ދެން ހިނގާފާނެ ހުރިހާ ކަމަކަށްވެސް ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ފުލުހުން ވަނީ ވޯޓުލާންދާއިރު ގެންދިއުމަށް ކަނޑައަޅާފައިވާ އާލާތްތައް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނުގެނެއުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް ބުނެފައެވެ. އަދި ހާއްސަގޮތެއްގައި އައިޑީކާޑަކާއި ޕާސްޕޯޓް އަދި ލައިސެންސް އަދި ގަލަން ފަދަ އެއްޗެއް ފިޔަވާ އެއްޗެއް މެނުވީ އެއްވެސް އެއްޗެއް ނުގެންދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ވަނީ ބުނެފައެވެ.
އަތް ދަބަސް ފޯނު ފަދަ ތަކެތި ވޯޓުލާ މަރުކަޒުގެ ތެރެއަށް ނުވެއްދުމަކީ ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ ވޯޓުލާންދާއިރު ހުއްޓެން ޖެހޭ ކިއު އިލެކްޝަންސްގެ އޮފިސަރުން މެދުވެރިކޮށް ޔަގީން ކުރުމަށާއި ވޯޓުލުމަށްފަހު މަޑުނުކޮށް އެތަނުން ދިއުމަށް އެދިިފައެވެ. އަދި ވޯޓުގެ ދެވަނަ ބުރު ކުރިއަށްދާއިރު ވޯޓުލާ ވަގުތުގަވެސް އަދި ބަންދުކުރުމަށްފަހު ނަތީޖާ ގުނަމުންދާ ވަގުތާއި ނަތީޖާ އިއުލާންކުރެވެމުންދާ ވަގުތުގައިވެސް އަދި އޭގެ ފަހުގެ މަރުހަލާތަކުގައިވެސް އަމާންކަމާއި ސަލާމަތަށް ބުރުއަރާފާނެ ފަދަ އެއްވެސް އަމަލެއް އެއްވެސް ރައްޔިތެއްގެ ފަރާތުން ނުކުރުން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން ވަނީ އެފަދަ އަމަލަކަށް ހިތްވަރުދޭން އެއްވެސް އަމަލެއް އެއްވެސް ރައްޔިތެއްގެ ފަރާތުން ނުކުރުމަށް އެދިފައެވެ. މުޅި ބްލޫވޭވް އޮޕަރޭޝަންގެ ބޭނުމަކީ މުޅި ރާއްޖޭގައިވެސް އަމާންކަމާއި ސަލާމަތާއެކު ރައްކާތެރިކަމާއެކު ވޯޓުލުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުން ކަމަށް ފާހަގަކުރެއެވެ.
ފުލުހުން ވަނީ މިއަދުގެ ހުރިހާ ވަގުތެއްގައިވެސް އެ އިދާރާއިން އަދި އީސީއިން ދޭ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެގެން ދިއުމަށް އެދި ދެވަނަ ބުރަކީ ވެސް ފުރަތަމަ ބުރެކޭވެސް އެއްގޮތަށް ކާމިޔާބު، އަމާންކަމާއި ރައްކާތެރިކަމާއެކު ސަލާމަތާއެކުގައި ކުރިއަށް ގެންގޮސް ނިންމާލެވޭނެ ބުރެއް ކަމަށްބުން ކަމަށް ބުނެފައެވެ.