އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރަށް އެންޓި ކެމްޕެއިންކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ބުނެފިއެވެ.

އެމްޑީޕީ ކޯލިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލާ ވަގުތު ކުޑަތަންވެފައި ވަނިކޮށް މިސް އިންފޮމޭޝަން ކެމްޕެއިނެއް ހިންގައި އޭގެތެރެއިން އަސްލެއް ނެތް ދޮގުތަކެއް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދައިގެން ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަމަށެވެ.

ދޮގު ހަބަރުތައް ފަތުރާ އިންތިހާބަށް ނުފޫޒު ފޯރުވުމަކީ އެމްޑީޕީއާއި އަދާލަތު ޕާޓީގެ އިތުރުން 'އަމާންރާއްޖެ' ކެމްޕެއިނުގެ އެންމެހާ ބައިވެރިން އިންތިހާއަށް ކަންބޮޑުވާކަމެއް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމެކެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ރާވައިގެން ބޮޑެތި ދޮގުތައް ފަތުރާ، އެންޓި ކެމްޕެއިން ކޮށް ހަގީގަތް އޮޅުވާލައިގެން ވޯޓު ހޯދަން މަސައްކަތް ކޮށްފައި ވާކަމަށް އެ ކޯލިޝަނުން ބުނެއެވެ.

ގައުމުގެ މުސްތަގުބަލް ކަނޑައަޅާ މިފަދަ މުހިންމު ވަގުތެއްގައި ރާވައިގެން ހަގީގަތެއް ނެތް ދޮގުފަތުރާ ދޮގުގެ ޒަރީއާއިން އިންތިހާބު ވަގަށް ނަގަން މަސައްކަތް ކުރުމަކީ ވަރަށް ދަަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށް ވެސް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ކޯލިޝަނުން އިތުރަށް ބުނީ ރާވައިގެން ހިންގާ މިފަދަ މިސް އިންފޮމޭޝަންގެ ކެމްޕެއިން ތަކުގެ ސަބަބުން ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ ރައްޔިތުންގެ ބާރުވެރިކަން ގެއްލި އަނދިރި ނުރައްކާތެރި ބާރުތަކުގެ އަތްމައްޗަށް ގައުމުގެ ލަގަން ފުރޮޅިގެން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން ރާވައިގެން ހިންގާ އެފަދަ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާތިބުމަށާއި މިފަދަ ދޮގުވެރި ވާހަކަތަކަށް ނުހެއްލުމަށް އިލްތިމާސް ކުރާ ކަމަށެވެ.