މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހައިތަމް އެމްޑީޕީއިން ވަކިވެވަޑައިގެންފިއެވެ.

ހައިތަމް އެމްޑީޕީއިން ވަކިވެވަޑައިގަތުމަށް އެދި އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށް ފޮނުވި ސިޓީގައި ވިދާޅުވީ އެމްޑީޕީއާ ގުޅުނީ މި ގައުމަށް ހިދުމަތްކޮށް، ރައްޔިތުންގެ ކިބައިން ނިގުޅައި ގަނެވިފައިވާ އެތަކެއް ހައްގުތަކެއް ހޯދައިދިނުމަށްޓަކައި ފެށި އިންސާފުގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީގައި ހާދަކުރި މުއްދަތުގައި ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ހައްގު ހޯދައި ދިނުމަށް އެތަކެއް މަސައްކަތެއް މަޖިލީހުގައިވެސް ކުރެވިފައިވާނެ ކަމަށް ހައިތަމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހައިތަމް ވިދާޅުވީ ގަވާއިފާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލަތަކާއި ކޮވިޑް 19 ގައި ފެންމަތިވި ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލަތަކާއި އެންޑީއޭ އިސްލާހު ކުރުމުގެ މައްސަލަތަކުގެ އިތުރުން ރާއްޖޭގެ ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ އަދި ނިޔާވަމުންދާ މައްސަލަ ހިމެނޭ ކަމަށެވެ.

އެ މައްސަލަތަކަކީ ސީދާ ރައްޔިތުންގެ ހައްގުތަކާއި ގުޅިފައިވާ މުހިއްމު ކަންތައްތަކެއް ކަމަށާއި ވެރިކަންކުރާ މައި ޕާޓީއަކީ އެމްޑީޕީއަށް ވީ ނަމަވެސް އެ ކަންކަމަށް ރަނގަޅު އަހަންމިއްޔަތުކަމެއްދެވި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް އެމްޑީޕީގެ ލީޑާޝީފްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާކަމަށް ހައިތަމް ވިދާޅުވިއެވެ.

ހައިތަމް ވިދާޅުވީ އޭނާއަށް ގަބޫލުކުރެވެނީ އެމްޑީޕީއަށްވެސް އަދި އޭނާއަށްވެސް އެންމެ ރަނގަޅު ގޮތަކީ އަދި ގަބޫލުކުރެވެނީ އުސޫލުތަކެއްނެތް ޕާޓީއަކުން ވަކިވުން ކަމަށެވެ.

ހައިތަމް އެމްޑީޕީއިން ވަކިވެވަޑައިގެންފައި މިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދެ ދުވަހަށް ވެފައިވަނިކޮށެވެ. އަދި ދާދިފަހުން ލ. ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުވެސް ވަނީ އެމްޑީޕީއިން ވަކިވެވަޑައިގެން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.