ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ބޭނުންކޮށްގެން ރާއްޖެ އަށް ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކުރި ހުސައިން ޝިފާއު ރާއްޖެ އައުމާ އެކު ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

މީގެ ކުރިން ޝިފާއު ހައްޔަރުކުރި ނަމަވެސް މިދިޔަ މޭ މަހުގެ 27 ވަނަ ދުވަހު ޝިފާއު ބަންދުން ދޫކޮށްލައިފާ ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ. އެއާއެކު އެ މަހުގެ 29 ވަނަ ދުވަހު ޝިފާއު ވަނީ ފުރައިގެން ގޮސްފަައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، ޝިފާއުއަށް ދައުވާ ކުރި ފަހުން ފިލައިގެން ގޮސްފައިވާތީ އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމުން އޭނަ އަމިއްލައަށް ރާއްޖެ އެނބުރި އައިސްފައިވާ ކަމަށެވެ.

އޭނާ ރާއްޖެ އައުމުން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް ޝަރުތުތަކަކާ އެކު މިހާރު ހުރީ ދޫކޮށްލާފައި ކަމަށް ޝަފީއު ވިދާޅުވިއެވެ. ޝިފާއު ދޫކޮށްލީ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ޝިފާއުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި، މަކަރާ ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 7 ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިފާއު މި ކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އިތުރަށް ޕީޖީ އިން ބުނެފައި ވަނީ މި މައްސަލައިގައި 123،844.54 ޑޮލަރު ހިމެނޭ ކަމަށެވެ.