ހަފްތާ ބަންދުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހު ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ރަށްރަށަށް ދާން ފަށައިފިއެވެ.

ފުލުހުން ބުނީ، އިންތިހާބުގެ ފަހު ބުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އުތުރުގެ ރަށްރަށަށާއި ދެކުނުގެ ރަށްރަށަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުން މިއަދުގެ ވަގުތެއްގައި ފުރާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހުރިހާ ރަށެއްގައި ވެސް ހަރަކާތްތެރިވަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމަ އެހެންމެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ހަރަކާތްތެރި ވަމުން ދާނީ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށާއި، އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.

އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ފެށިގެން ހަވީރު 5 ޖެހުމާ ހަމައަށެވެ.