މިއަދު މުޅި ރާއްޖޭގައި އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރާކާތުން، ދިވެހިން އަނިޔާވެރި ކަމަށް ދެން ވެސް ބުނާނީ ނޫނެކޭ ކަން އެނގިވަޑައިގެން ކަަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަނީ މިއަދު މުޅި ރާއްޖޭގައި ދޮރުން ދޮރަށް ހިނގުމުގެ ކެމްޕެއިން ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މާލެ އަދި ވިލިމާލޭގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ރަނިން މޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އައްޑޫ ސިޓީގައި ދޮރުން ދޮރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ މެމްބަރުންނާއި، ކައުންސިލަރުން އަދި އެމްޑީޕީގެ އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތާ ގުޅިގެން ފައްޔާޒް ވިދާޅުވީ، މި ހަރަކާތުން އެނގިގެން ދިޔައީ ދެވަނަ ބުރަކަށް އެމްޑީޕީއިން ނިކުމެ ތިބީ ގަދަކޮށް ކަމަށެވެ. އަދި މުޅި ރާއްޖޭގެ މި ހަރަކާތުން ފާހަގަވި އަނެއް ކަމަކީ ދިވެހިން އަނިޔާވެރިކަމަށް ދެންވެސް ބުނާނީ ނޫނެކޭ ކަމަށެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގައި ރައީސް ސޯލިހަށް 86،161 ވޯޓާއެކު ދެވަނަ ބުރުން ޖާގަ ލިބިވަޑައިގެންފައިވާ އިރު، ފުރަތަމަ ބުރުގައި ރައީސް ވިދާޅުވަމުން ގެންދެވި އަދަދާ ގާތަށް ވެސް ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ. ވޯޓު ލިބިވަޑައިގެން މިންވަރު މަދުވުމުން ހެދުނު ގޯސްތައް ދެނެގަތުމަށް ފަހު ދެވަނަ ބުރުގެ ކެމްޕެއިން ރައީސް ސޯލިހް ފައްޓަވާފައި ވާއިރު، އެމަނިކުފާނު ކެމްޕެއިން ހަރަކާތް މުޅި ރާއްޖޭގައި ދަނީ ކުރިއަށެވެ.

އެގޮތުން ހުރިހާ ރަށެއްގައި ވެސް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނާއި އެ ޕާޓީގެ ގިނަ މެންބަރުން ދަނީ ގޭގެއަށް ޒިޔާރަތް ކުރައްވަމުންނެވެ.

ނަމަވެސް ރައީސް ދެވަނަ ބުރުގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުން އަންނަނީ މާލޭގައި ކަން ފާހަގަ ކުރެވެއެވެ. ގޭގެއަށް ޒިޔާރަތްކުރައްވާ ރައްޔިތުންނާ ބައްދަލުކުރައްވަމުން ވަޑައިގަންނަވާ އިރު، މާލެ ސަރަހައްދުގައި ހުރި އެމްޑީޕީ ޖަގަހަތަކަށް ވެސް ރައީސް ވަނީ ވަޑައިގެންފައެވެ. އަދި ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވާ ބައެއް މުހިއްމު ނިންމުންތައް މި ދުވަސްކޮޅު ރައީސް އިއުލާން ކުރައްވާފައި ވެއެވެ.