ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރާ ގުޅިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ދޭ މުސާރައިގެ ކުރިއެރުން (ސްޓެޕް އެލަވަންސް) ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސްޓެޕް އެލަވަންސް ދިނުމަށް ފީނޭންސް މިނިސްޓްރީން ހުއްދަ ދިނުމުން، މި އަހަރުގެ އޮކްޓޯބަރު މަހުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް އެ އެލަވަންސް ދިނުމަށްޓަކައި ހަމަޖައްސަން ޖެހޭ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް މިހާރު ވަނީ ކޯޓުތަކަށް އެ މައުލޫމާތު ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން ޕާފޯމަންސް އެޕްރެއިސަލް ފޯމްތައް ފުރިހަމަ ކުރުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ 5 ގެ ނިޔަލަށް ފޮނުވާ ފޯމްތަކަށް މި އެލަވަންސް ދޭވޭނެ ކަމަށް އެ ޑީޕާޓްމަންޓުން ބުނެއެވެ.

އެލަވަންސް ދޭ އިރު މިހާތަނަށް އެލަވަންސް ދީފައި ނުވާ މަސައްކަތު ފެންވަރު ބެލުމުގެ މުއްދަތު ކަމުގައިވާ 2019 އިން 2020 އަދި 2021 އިން 2022ގެ އެލަވަންސް ވެސް މިއާ އެކު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. އަދި މި ހިނގާ 2023 ވަނަ އަހަރު ވާނީ 2017 އިން 2918 އަށް ސްޓެޕްއަޕް އެލަވަންސް ލިބޭ މުވައްޒަފުންނަށް އެ އެލަވަންސް ދީފައި ކަމަށް ވެސް އެ ޑީޖޭއޭ އިން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި ކުރިއެރުން ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައި ވާތީ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށް ވެސް ޑީޖޭއޭ އިން ބުނެއެވެ.