ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާދެއްވުމަށް، ޑީޖޭއޭގެ ރައީސް ހުސައިން ރިޒާއަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ރިޒްނާ ވިދާޅުވީ މިދިޔަ ޖޫންމަހުން ފެށިގެން ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތް ކަމަށެވެ.

އެ ގޮތުން ޝަރުއީ ދާއިރާގައި އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލެއްގައި ޖޭއެސްސީގެ އިޖާބީ ތަސައްވުރެއް ހާމަކޮށްފައިނުވާ ކަން ރިޒްނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ކަމާއި ގުޅޭ އެއްވެސް ލަފައެއް އިރުޝާދެއް ވެސް ނުދޭކަން ފާހަގަކުރައްވަމުން ރިޒްނާ ވިދާޅުވީ ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ.

އެހެންކަމުން މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށް ހުރަސް އެޅިފައިވާކަން ރިޒްނާ ވަނީ ފާހަގަކުރައްވާފައެވެ.

ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޖޭއެސްސީން ބަލަމުން ދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ