ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ގާނޫނީ ވަކީލު އާދަމް ޝަމީމް އައްޔަންކުރައްވައިފިއެވެ.

މި މަގާމަށް އާދަމް ޝަމީމް އައްޔަންކުރައްވާފައި ވަނީ 5 އަހަރު ދުވަހުގެ ދައުރަކަށެވެ. މިކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ މިދިޔަ އެޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމްޖަދު މިހާރު ހުންނެވީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ ހައިސިއްޔަތުން، ޝަރުއީ ދާއިރާގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާ މައި އިދާރާ ކަމުގައިވާ ޑީޖޭއޭ މެދުވެރިކޮށް، ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކުގެ އިދާރީ ހިންގުން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ ދެން އަދާކުރައްވާނީ ޝަމީމެވެ.

މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އާދަމް ޝަމީމް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ރައީސް އޮފީހުގެ ސީނިއާ އަންޑާ ސެކްރެޓަރީގެ މަގާމުގައެވެ.

ގާނޫނީ ދާއިރާގައި 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޝަމީމަކީ އަމިއްލަ ލޯ ފާމެއް ވެސް ހިންގަވަމުން ގެންދެވި ބޭފުޅެކެވެ. މީގެއިތުރުން، އޭނާ ވަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ގާނޫނީ ކަންކަމުގައި ވަކާލާތު ކުރައްވާފައެވެ.

އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގައި އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައިވެސް ޝަމީމް ހިމެނިވަޑައިގެންނެވިއެވެ. ހަމައެއާއެކު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރި ވަކީލުންގެ ޓީމުގައި ވެސް ޝަމީމް މަސައްކަތް ކުރައްވާފައި ވެއެވެ.