ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން، މޫނު ބުރުގާ އަޅައިގެން މަސައްްކަތް ކުރެވޭގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ކަނޑައަޅައިފިއެވެ.
ޑީޖޭއޭއިން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011ގެ ހެދުން އެޅުމާ ގުޅޭގޮތުން އޮތް 129 މާއްދާ އިސްލާހުކޮށްފައިވާ ކަމަށެވެ. މި މާއްދާއަށް މިހާރު ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، ޝަރުއީ ދާއިރާގެ މުވައްޒަފުން މޫނު ބުރުގާ އެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް މަސައްކަތުގެ މާހައުލުގެ ތެރެއިން މިފަދަ ހެދުން އަޅާ މުވައްޒަފުންނަކީ ކާކުކަން، ކަށަވަރުނުވެއްޖެނަމަ، އެފަދަ މުވައްޒަފެއްގެ މޫނު، ކޯޓު ނުވަތަ އިދާރާގެ ކަމާބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެކަމަށްވެސް މި އިސްލާހުގައިވެއެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށުމަށް ކޯޓުތަކުގެ އިތުރުން ޝަރުއީ ދާއިރާގައި މަސައްކަތްކުރަމުންދާ އެހެން އިދާރާތަަކަށް އަންގާފައިވާނެ ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ. މީގެ އިތުރުން ޝަރުއީ ދާއިރާގެ ބައެއް އުސޫލުތައް ޒަމާނަށް ފެއްތުމަަށްޓަކައި އިސްލާހުތައް ގެންނަމުން އަންނަކަން ޑީޖޭއޭ އިން ވަނީ ފާހަގަކޮށްފައެވެ.
މި ގަވާއިދަށް އިސްލާހު ގެނައުމުގެ ކުރިން އޮންނަ ގޮތުން ޝަރުއީ ދާއިރާގެ ކޮންމެ ހިދުމަތަކީވެސް ޒިންމާދާރުކަމާއެކު އަދާކުރަންޖެހޭ އަދި ޖަވާބުދާރީ ވާން ޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތްދޭ މުވައްޒަފު މަސައްކަތު ގަޑީގައި ހެދުން އަޅަން ޖެހޭނީ ކާކުކަން ރަނގަޅަށް އެނގޭ ގޮތަށެވެ.